ޚަބަރު

އުޙުދު ހަނގުރާމައިގެ ޢިބުރަތާއި ފިލާވަޅު - މުދަލަށް ދަހިވެތިވުމުން ލިބޭނީ ނިކަމެތިކަން


  • މި ހަނގުރާމަ ކުރެވުނީ މުޝްރިކުންގެ 3000 މީހުންނާއި ދެކޮޅަށް

  • މުސްލިމުންގެ ލަޝްކަރުގައި ތިއްބެވީ 700 ޞަހާބީން

އުހުދު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު 2 ވަނަ ހަނގުރާމައެވެ. މި ހަނގުރާމަ ހިނގާފައިވަނީ ހިޖުރައިން 3 ވަނަ އަހަރުގެ ޝައްވާލުމަހުގެ 7 ވަނަ ދުވަހުއެވެ.

މައްކާގެ މުޝްރިކުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޝަހީދުކޮށްލުމަށްޓަކައި 3000 މީހުންގެ ލަޝްކަރަކާއިއެކު މަދީނާއަށް ދަތުރުފެށިއެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ކަންތައް ކުރައްވާނެ ގޮތާއިމެދު ނަބިއްޔާ އަޞްހާބު ބޭކަލުންނާއި މަޝްވަރާކުރެއްވިއެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މުސްލިމުންގެ 1000 ބޭކަލުންގެ ލަޝްކަރަކާއިއެކު މަދީނާއިން އުހުދުގެ މައިދާނަށް ދަތުރު ފެއްޓެވިއެވެ. އެހެންނަމަވެސް ދަތުރުގެ ވަކި ހިސާބަކުން މުނާފިގުން ފާޅުވެ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލަށް ތަބާވެ 300 މީހުން ހަނގުރާމަ ދޫކޮށް އެނބުރި މަދީނާއަށް ދިޔައެވެ. އެގޮތުން އުހުދުގެ މައިދާނަށް ވަޑައިގެންނެވީ އެންމެ 700 ޞަހާބީ ބޭކަލުންނެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުހުދުގެ މައިދާނަށް ވަޑައިގެންނެވުމަށްފަހު ލަޝްކަރު ރުކުރުވާލިއެވެ. އަދި ދުނިއުއްކަވާ 50 ބޭކަލުން ރުމާތު ފަރުބަދައިގެ މައްޗަށް ލެއްވިއެވެ. އެއަށްފަހު އެބޭކަލުންނަށް ވަރަށް މަތިވެރި އަމުރެއް ކުރެއްވިއެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވީ ހަނގުރާމައިގައި ބަލިވިކަމުގައިވިއަސް އަދި މޮޅުވިކަމުގައި ވިއަސް އެކަލޭގެފާނުގެ އަމުރުފުޅެއް އަތުވެއްޖައުމަށް ދާންދެން އެ ފަރުބަދައިގެ މަތިން އެބޭކަލުން ނުފޭބުމަށެވެ. އެއަށްފަހު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ލަޝްކަރު ރުކުރުވާލެއްވީ އުހުދު ފަރުބަދަ ލަޝްކަރުގެ ފަހަތައް ވާގޮތަށެވެ. އޭގެ މާނައަކީ ހަނގުރާމަ ކުރަމުންދާއިރުވެސް މުސްލިމުންގެ ލަޝްކަރުގެ ފަހަތުން އެއްވެސް ބަޔަކަށް އައިސް މުސްލިމުންނާއި ހަނގުރާމަ ނުކުރެވޭފަދަ ގޮތަކަށް ފަހަތުން ހިމާޔަތްކުރެވޭގޮތަށެވެ.

ހަނގުރާމައިގެ ކުރީކޮޅުގައި މައްކާގެ މުޝްރިކުން ވަރަށް ބޮޑަށް ބަލިވެ، ނިކަމެތި ވެގެންދިޔައެވެ. މައްކާގެ މުޝްރިކުންގެ ދިދަ ހިފައިގެން ތިބި ފަހަރަކު މީހަކު ގަތުލުކުރެވެމުންގޮސް 10 މީހުން ގަތުލުވެ މައްކާގެ މުޝްރިކުންގެ ދިދަ ބިންމައްޗަށް ވެއްޓިގެންދިޔައެވެ. އެއާއިއެކު މައްކާގެ މުޝްރިކުން މައިދާން ދޫކޮށް ފިލަން ދުވަންފެށިއެވެ.

މައިދާނުގައި ތިއްބެވި ޞަހާބީ ބޭކަލުންނަށް އެ މަންޒަރު ފެނިވަޑައިގަތް އެހިސާބުން ހަނގުރާމަ ނިމުނީކަމަށް ބައްލަވައި ޣަނީމާ މުދާ ނެންގެވުމަށް މަސައްކަތް ފެއްޓެވިއެވެ. އެވަގުތު ރުމާތު ފަރުބަދަ މަތީގައި ތިއްބެވި ޞަހާބީ ބޭކަލުންނަށްވެސް ހަނގުރާމަ ނިމުނީކަމަށް ވިސްނި ވަޑައިގަތެވެ. އޭގެތެރެއިން ބައެއް ބޭކަލުން އުހުދުގެ މައިދާނަށް ޣަނީމާ މުދާ އެއްކުރެއްވުމަށް ފައިބާ ވަޑައިގަތެވެ.

މި ހަނގުރާމައާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން އައްޝައިޚް އަޙްމަދު ފަޒާދު ވިދާޅުވީ، މުސްލިމުން ޣަނީމާ މުދާ އެއްކުރަން ތިބި ވަގުތުގައި މުޝްރިކުން އައިސް މުސްލިމުންނަށް އަލުން ހަމަލާދޭންފެށިކަމަށެވެ. އަދި އެއާއިއެކު ހަނގުރާމައިގެ މައިދާން އެކީއެކަށް ބަދަލުވެގެންދިޔަކަމަށެވެ.

"ހަނގުރާމައިގެ ތެރޭގައި 70 އެތައް ޞަހާބީ ބޭކަލުންނެއް ޝަހީދުވެގެންދިޔަ. ހުދު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އިސްތަށިފުޅު ޒަހަމްވެގެންދިޔަ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ދަތްޕުޅު ބިންދައިގެން ދިޔަ. މީގެއިތުރުންވެސް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެތައް ޞަހާބީ ބޭކަލުންނަކަށް އަނިޔާތައް ޒަހަމްތައް ލިބިގެންދިޔަ. ރިވާވެގެން އައިސްފައިވާ ގޮތުގައި ބައެއް ޞަހާބީ ބޭކަލުންގެ ބުރަކަށިފުޅަށް 60 އެތައް އެތިފަހަރެއް ހަންޖަރުން ނުވަތަ ކަނޑީގެ 60 އެތައް އެތިފަހަރެއް އަރާފައިވޭ. އެއަށްފަހު މުސްލިމުންގެ ލަޝްކަރު ވަރަށް ބޮޑަށް ބަލިވެ ނިކަމެތި ވުމަށްފަހުގައި ﷲ ސުބްހާނަހޫ ވަތައާލާ މުސްލިމުންގެ ލަޝްކަރަށް މި ސަރަހައްދަށް ފިނި ވައިރޯޅިއެއް ފޮނުއްވަނީ. އެއަށްފަހު މުސްލިމުންގެ ލަޝްކަރަށް އިތުރު ހިތްވަރަކާއި އިތުރު ބާރެއް ލިބިގެންދިޔަ. އެހިތްވަރާއިއެކީގައި މައްކާގެ މުޝްރިކުންގެ ލަޝްކަރާއި ހަނގުރާމަކޮށް މައްކާގެ މުޝްރިކުންގެ ލަޝްކަރު ބަލިކޮށް އެބައިމީހުން ފޮނުވާލީ." ޝެއިހް ވިދާޅުވިއެވެ.

އައްޝައިޚް އަޙްމަދު ފަޒާދު ވިދާޅުވީ، މި ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔަ ވަގުތުގައި ގެއްލުން ލިބިގެން ދިޔައީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މުހިންމު އަމުރު ފުޅަކަށް ހިލާފުވެވުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަމުރުފުޅަށް ކިޔަމަންވުމުގެ މުހިންމުކަން މި ހަނގުރާމައިން އެކަނިވެސް އެނގިގެންދާކަމަށް ޝައިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބިގެންދާ އިބުރަތަކީ އަޅުގަނޑުމެން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމުކަން. މި ހަނގުރާމައިގެ ތެރޭގައި ހިނގާފައިވާ ބައެއް ހާދިސާތަކަށް ބަލާލާއިރުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޝަހީދުކޮށްލެއްވުމަށްޓަކައި މައްކާގެ އެތައް މުޝްރިކުންނެއް ރަސޫލާއާއި ދިމާލަށް ހަތިޔާރާއިއެކު އަންނަންފެށި. އެމަންޒަރު ފެނިވަޑައިގެން ޞަހާބީ ބޭކަލުން އެބޭކަލުންގެ ބުރަކަށިތަކާއި އެބޭކަލުންގެ މޭތަކާއި، އެބޭކަލުންގެ އަތްތައް ނަބިއްޔާ ސ.އ.ވ ގެ ދިފާއުގައި ދިއްކުރެއްވި." ޝައިހް ވިދާޅުވިއެވެ.

މި ހަނގުރާމައިގައި ހިނގާފައިވާ ބައެއް އެހެން ހާދިސާތަކަށް ބަލާލާއިރުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދިފާއުކުރެއްވުމަށްޓަކައި އަންހެނަކު މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަމަނާއަށް ދެންނެވިއެވެ. "ކަމަނާއެވެ ކަމަނާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟". އެކަމަނާ ވިދާޅުވީ ތިމަން ކަމަނާ ބޭނުންވަނީ ޤިޔާމަތް ދުވަހު ސުވަރުގޭގައި ކަލޭގެފާނާއި އެކީގައި ވުމަށެވެ. މި ހަނގުރާމައިން އެނގިގެންދަނީ ޞަހާބީންގެ މަސައްކަތްޕުޅާއި އަދި ދުނިޔެއަށްވުރެ އާހިރަތް އެބޭކަލުން އިސްކުރެއްވިކަމެވެ.