ޚަބަރު

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނީ މަޖިލީހުގެ ތެރެއިން: ރައީސް


  • ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރާގައި ކަންބޮޑުވުންތަކެއް އެބަހުރި

  • ކައުންސިލްތައް ގިންތިކޮށްފައިވަނީ ވަރަށް ދަންފަންތިއެއްގައި

  • މިކަން ޙައްލުކުރެވޭނީ މަޖިލީހުގެ ތެރެއިން

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ގާނޫނަށް ބަދަލުގެނެސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ޢާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ގދ. ފަރެސްމާތޮޑާ ކައުންސިލްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފަކު ވަނީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައުމަށް ރައީސްގެ ވިސްނުންފުޅު ހުރިތޯ ސުވާލުކޮށްފައެވެ. އޭނާ ވަނީ ޑިގްރީ ހާސިލްކޮށްގެން ތިބި މުވައްޒަފުންގެ މުސާރަ، އޭގެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރައަށްވުރެ ދަށްކަމުގެކަންބޮޑުވުން ރައީސާ ހިއްސާކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުން ހުރި ގާނޫނޫގެ ތެރެއިން ކައުންސިލްތައް ގިންތިކޮށްފައިވަނީ ވަރަށް ދައްފަންތިއެއްގައިމަށެވެ. އެގޮތުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ސަރުކާރާއި މާލީ ވުޒާރައިން މަސައްކަތް ކުރިނަމަވެސް ކައުންސިލްތައް ގިންތިކޮށްފައި ހުންނަ ގޮތުން އެކަން ކުރުމަށް ދަތިތަކެއް ހުރީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާކަމެއްކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވޭނީ އާމްދަނީ އިތުރުވެގެންނާއި އިގްތިޞާދު ހަރުދަނާ ކުރެވޭ ވަރަކުން ކަމަށް ރައީީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެ އިގްތިޞާދު ހަރުދަނާވެގެން ދާވަރަކުން މުސާރަތައް ބޮޑުކުރެވޭނީ. " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަމަށެވެ. ނަމަވެސް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް މިހާރަށް މިހާރަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.