ޚަބަރު

މަގުތަކުން ކުނިނެގޭނެ ފުރިހަމަ ނިޒާމެއް ޤާއިމްކުރާނަން: ޢާޒިމް


  • އެންމެ ގިނައިން މަގުތަކަށް ކުނި އަޅަނީ ބިދޭސީންކަމަށް

  • މަގުތަކަށް ކުނި އަޅާ މައްސަލަ ހައްލުކުރަން އެޅޭނެ ފިޔަވަޅެއް ނެތް

  • ދެތިން މަސްތެރޭގައި ރަނގަޅު ނިޒާމެއް ޤާއިމްކުރައްވާނެކަމަށް

މާލޭގެ އެކި ސަރަހައްދުތަކަށް ޤަވާއިދާ ޚިލާފަށް ކުނި އަޅާ މައްސަލަ ހައްލުކުރެވޭނެ ގޮތެއް މިވަގުތު ނެތްކަމަށާއި، ނަމަވެސް އެކަމަށް ފުރިހަމަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެޖެއެވެ. ޢާޒިމް މިހެން ވިދާޅުވީ ރަމަޟާންމަހާ ދިމާކޮށް، މާލޭގެ މަގުތަކަށް ގިނަ ޢަދަދެއްގެ ކުނި ނެރެފައި ހުންނަ މައްސަލައާއި ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރުމުންދާތީ އެކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުމަތީގައި ކުނި ބަހައްޓާކަމަށް އެންމެ ބޮޑަށް ފާހަގަވަނީ ބިދޭސީންކަމަށެވެ.

ޚާއްޞަކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިކަމުގައި އުޅޭކަން ފާހަގަކުރެވޭކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް މާލޭގެ މަގުމަތަކުގައި ކުނި ބަހައްޓާ މައްސަލާގައި ފިޔަވަޅު ނޭޅެނީ އެ ބިދޭސީންގެ ލިޔެކިޔުންތައް ނެތުމުންކަމަށެވެ.

އެހެންކަމުން ފުރިހަމަ އިންތިޒާމުތަކާއެކު ކުރިއަށް އޮތް ދެތިން މަސް ދުވަހުގެތެރޭގައި މާލޭން ކުނި ނެގުމުގެ އިންތިޒާމު ހަމަޖެހި، ކުނީ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވާނެކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވިސްނުމަކީ އަވަސް އަރުވާލައިގެން ކަންކުރުމުގެ ބަދަލުގައި، މާލޭގެ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ދާއިމީ ހައްލެއް ގެނެސްދިނުންކަމަށެވެ.

"އަޅުގަނޑުމެން އެބަ އަންގަމޭ އަންގަންޖެހޭ ފަރާއްތަކަށް ގާނޫނޫ ތަންފީޒުކޮށްދެއްވަން. ގާނޫނޫ ތަންފީޒުކޮށްގެން ނޫނީ މިކަންކަމެއް ހައްލެއް ނުވާނެ. މާލޭ ސިޓީ މޭޔަރަކަށް އެކަނި މިކަން ނުކުރެވޭނެ. އެންމެން އެއްކޮން ނިކުމެ މިކަންކުރެވޭނީ. އަޅުގަނޑުގެ ޒިންމާ އަދާކުރުމަށް އަޅުގަނޑު މިހުރީ 24 ގަޑިއިރު ތައްޔާރައް" މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ

އާޒިމް ވިދާޅުވީ ގާނޫނޫ ތަންފީޒު ނުވެ ވަކިބަޔަކަށް ވަކި ގޮތެއް އޮންނަމަ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެކަމަށެވެ. އާޒިމް ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފިޔަވަޅު އަޅައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިވަޑައިގެންފައެވެ.