ޚަބަރު

އިސްލާމީ ތާރީޚުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް - ޤުބާ މިސްކިތް


  • މި މިސްކިތުގައި ކުރާ ނަމާދުގެ ސަވާބު ޢުމްރާއަކާ އެއްވަރު

  • ޤުބާގެ ނަން ދެވިފައިވަނީ ފެންވަޅަކަށް ނިސްބަތްކޮށް

ޤުބާ މިސްކިތަކީ އިސްލާމީ ތާރީޚު ގައި ބިނާކުރެވުނު ފުރަތަމަ މިސްކިތެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި މަގުމަތީގައި ޤުބާއޭ ކިޔޭ ސަރަހައްދުގައި މަޑުކުރައްވައި މިސްކިތް ބިނާކުރެއްވިއެވެ. އެގޮތުން މަދީނާއަށް ހިޖުރަކުރެއްވި މަގުމަތީގައި 14 ދުވަސްވަންދެން ޤުބާގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަޑުކުރެއްވިއެވެ. އެޒަމާނުގައި ޤުބާއަކީ މަދީނާގެ ރަށްބޭރު ވަކި ސަރަހައްދެކެވެ. މިހާރު މިއީ މަދީނާގެ އެތެރޭގެ ބައެކެވެ.

ޤުބާ މިސްކިތައް ޤުބާ މި ނަން ދެވިފައި ވަނީ އެ ސަރަހައްދުގައި ހުރި ފެންވަޅަކަށް ނިސްބަތްކޮށެވެ. މި ސަރަހައްދަކީ ބަނޫ ޢަމްރު ބުން އައުފް ޤަބީލާގެ އަހުލުވެރިން ދިރިއުޅެމުން ދިޔަ ސަރަހައްދެވެ. ޤުބާގެ އަހުލުވެރިންނާ ބެހޭގޮތުން މާތް ﷲ ވަނީ ޤުރްއާނުގައި މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފައެވެ. އެގޮތުން ޤޫބާގެ އަހުލުވެރިންނަކީ ސާފްތާހިރުކަމަށް ލޯބި ކުރައްވާ ބައެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ޤުބާ މިސްކިތުގެ މާތްކަމާއި ބެހޭގޮތުން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން މައުލޫމާތުދެއްވަމުން އައްޝައިޚް އަޙްމަދު ފަޒާދު ވިދާޅުވީ، އިސްލާމީ ތާރީހުގައި މި މިސްކިތް މުހިންމު ތަނަކަށް ވެގެންދަނީ މިއީ އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތައް ވާތީކަމަށެވެ. މީގެއިތުރުން މި މިސްކިތުގައި ނަމާދުކުރުމަކީ ނުހަނު ގިނަގުނަ ޘަވާބު ލިބިގެންދާކަމެއްކަމަށް ޝައިޚް ވިދާޅުވިއެވެ.


"ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވަނީ ގެއިން ތާހިރުވެގެން ޤުބާ މިސްކިތައް އައިސް ޤުބާ މިސްކިތުގައި ނަމާދެއްކޮށްފިނަމަ އެމީހަކަށް އުމްރާއެއް ކުރުމުގެ ސަވާބު ލިބިގެންދެއެވެ. ހަމަ އެއާއިއެކު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ޤުބާ މިސްކިތައް ޒިޔާރަތްކުރައްވާ ކަމަށްވޭ. ޚާއްސަ ގޮތެއްގައި ހޮނިހިރު ދުވަހު ޒިޔާރަތްކުރައްވާކަމަށްވޭ. ބައެއް ފަހަރު ހިންގަވާފައި އަނެއްބައި ފަހަރު ސަވާރީއެއްގައި ވަޑައިގަންނަވާ ކަމަށްވޭ." އައްޝައިހް އަޙްމަދު ފަޒާދު ވިދާޅުވިއެވެ.

ޤުބާ މިސްކިތަކީ މުސްލިމުންނަށް ޚާއްސަ މިސްކިތެކެވެ. މިއީ ޢުމްރާއަށް އަދި ޙައްޖަށްދާ ފަރާތްތަކުން މަދީނާއަށް ކުރާ ޒިޔާރަތުގައި ޒިޔާރަތްކުރާ މުހިންމު މިސްކިތެކެވެ. މިހާރު ފެންނަން ހުރި މިސްކިތަކީ ކުރިން ޤުބާ މިސްކިތް އިންތަނުގައި ބިނާކުރެވިފައިވާ ފަހުގެ މިސްކިތެކެވެ.