ޚަބަރު

ބިން ދެމެހެއްޓެނިވިގޮތުގައި ބޭނުންކުރުމަށް 400 ފްލެޓު އަޅާނީ 11 ފަންގިފިލާއަށް: ރަފީޤް


  • ކުރިން ކަނޑައަޅާފައި އޮތީ 4 ބުރިއަށް ޓަވަރުތައް ނަގަން

  • ބިމުގެ ދަތިކަން އޮތުމާއެކު މިހާރުވަނީ 11 ބުރިއަށް ނަގަން ނިންމާފައި

  • މަސައްކަތް އަވަސްވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުވުމަށް އޮތް ކުޑަ އުއްމީދެއް

ފުވައްމުލައް ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓު ޢިމާރާތްކުރުމުގައި އެންމެ އިސްކަން ދެއްވާނީ ވީހާވެސް މަދު ބިން ބޭނުންކުރުމަށްކަމަށް އެ ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ. ފުވައްމުލައް ސިޓީއަކީ އެއްފަސް ރަށަކަށްވެފައި ހިއްކާނެ އިތުރު ބިން އޮތް ރަށެއްވެސް ނޫނެވެ. އެހެންކަމުން މިހާރު އޮތް ބިން ދުރު މުސްތަޤްބަލަށް ވިސްނައިގެން ބޭނުންކުރުން މުހިންމުކަމަށް މޭޔަރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިފަދަ އެއް ސިޓީއަކީ ފުވައްމުލައް ސިޓީއެވެ. މިމައްސަލަ ޙައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރުމަށް ސަރުކާރައި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުންދަނީ މަސައްކަތްކުރަމުންނެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ފުވައްމުލައް ސިޓީއަށްވެސް ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެމައްސަލަ އޮތް މިންވަރުގެ ހިސާބެއް ޖެހިގެންދިޔައީ އެސިޓީގެ ކައުންސިލުން މީގެ 5 އަހަރު ކުރިން 30 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 800 އަށްވުރެ ގިނަ މީހުން ކުރިމަތިލުމުންނެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤް ވިދާޅުވީ މިހާރުވެސް 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ތަރައްޤީކުރުމަށް ބަޔަކާއި ޙަވާލުކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެމަސައްކަތްވެސް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން މޭޔަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވިސްނާފައި އޮތީ 5 ސަރަޙައްދެއްގައި 5 ބްލޮކް. އެއީ ވަރަށް މުހިންމު ޕްރޮޖެކްޓެއް. އަޅުގަނޑުމެން ރައީސްއަށްވެސްވަނީ ދަންނަވާފައި އެމަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް." މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ސަރަޙައްދު ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައެވެ. އަދި މިމަޝްރޫޢުއާއެކުވެސް އެސީޓީއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނާނެކަމަށް ސިޓީ ކައުންސިލުން ދެކެއެވެ.

މި 5 ޓަވަރު ތަރައްޤީކުރުމަށް ކުރިން 4 ބުރިއަށް ކަނޑައެޅިނަމަވެސް ރަށުގައި އޮތް ބިމުގެ މައްސަލައާއި ގުޅިގެން ދެމެހެއްޓެނިވިގޮތުގައި ބިން ބޭނުންކުރުމަށްޓަކައި ކައުންސިލްގެ އެދުމުގެ މަތިން މިހާރު ޓަވަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 11 ބުރިއަށްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އެއްފަސްކޮށް އޮންނަ ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ އާބާދީ 13000 އިން މައްޗަށް އަރައެވެ. އަދި ރަށަށް ހިޖުރަކޮށްގެންނާއި، އެކި މަސައްކަތުގައި ރަށުގައި ދިރިއުޅޭ މީހުންނާއެކު، ރަށުގައި ދިރިއުޅޭ އާބާދީ 14000އަށް އަރައެވެ.