ޚަބަރު

ފުރަތަމަ ފަހަރަށް ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ކާށިދޫގައި


  • 5 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ފެނުގެ ނިޒާމު ހިންގަން ވަނީ ފަށާފައި

  • މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢެއް

  • ކާށިދޫ ވައިން ހަކަތަ އުފެއްދުމުގެ ނިޒާމުގެ ތަޖުރިބާއަށްފަހު އެހެން ރަށްރަށުގައި ޤާއިމުކުރާނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ޤާއިމުކޮށް ކާށިދޫގެ ފެނުގެ ނިޒާމު ހިންގަން ފަށައިފިއެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އިޔާދަކުރަނިވި ހަކަތައިން ރަށްރަށުގެ ފެނުގެ ނިޒާމު ޤާއިމުކޮށް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އަބަދުވެސް ޤަބޫލުވެފައި އޮތީ ރާއްޖޭގައި ހިންގުމަށް އެންމެ އެކަށީގެންވަނީ އަވިން ޙަކަތަ އުފެއްދުންކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ ދުރަށް ވިސްނަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް މަސައްކަތްކުރުމަކީ، ދެމެހެއްޓިނިވި ގޮތުގައި 24 ގަޑިއިރު ކަރަންޓު އުފެއްދުމަށް އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް އަދި ރާއްޖޭގެ އެނަރިޖީ ސެކިއުރިޓީއަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށެވެ.

"އަބަދުވެސް ވިސްނިފައި އޮތީ ރާއްޖެއަށް އެންމެ އަގުހެޔޮކޮށް އަދި އެންމެ ފަސޭހައިން ޙަކަތަ އުފެއްދޭނީ އަވިންކަމަށް. އެހެންނަމަވެސް މުސްތަޤުބަލަށް ވިސްނާ ރާއްޖޭގެ އެނަރޖީ ސެކިއުރިޓީ ކަށަވަރުކުރުމަށް އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން އެބަޖެހޭ ޙަކަތަ އުފައްދަން ފަށަން. ކާށިދޫ މަޝްރޫޢުގެ ތަޖުރިބާއަށް ބެލުމަށްފަހު އިތުރު ސަރަޙައްދުތަކުގައި ވައިން ޙަކަތަ އުފެއްދުމާ ދިމާއަށް ދާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ ބަދަލުވަމުންދާ ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއެކު ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީ ޒިންގ ވިދާޅުވީ މިމަޝްރޫއާއެކު ޚިދުމަތް ޤާއިމުވެގެންދިޔަ 5 ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"މިމަޝްރޫޢާއެކު ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮބަދަލާއެކު، ރައީސް ޑރ.މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އައު އަމާޒަށް ވާޞިލުވުމަށް ބާރަކަށްވެގެންދާނެކަމަށް އުއްމީދުކުރަން." ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުންވަނީ 5 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ފެނުގެ ޚިދުމަތް ދޭން ފަށާފައެވެ. މިގޮތުން ރ.އަލިފުށި، ޅ.އޮޅުވެލިފުށި، ހއ.ކެލާ އަދި ގއ.ދާންދޫގައިވަނީ ކޮންމެ ރަށެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެ ނިޒާމަކާއި އަދި އެޚިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 200 ކިލޯވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމު ޤާއިމުކޮށްފައެވެ. މީގެއިތުރުން ކ.ކާށިދޫގައި ވަނީ ފެނުގެ ނިޒާމު ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ވިންޑް ޓަބައިން ހަރުކޮށް ވައިން ހަކަތަ އުފެއްދޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ވައިން 100 ކިލޯވޮޓުގެ ހަކަތަ އަދި ސޯލާއިން 100 ކިލޯވޮޓުގެ ހަކަތަ އުފެއްދުމުގެ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ.

ރާއްޖޭގައި ކާމިޔާބުކަމާއެކު އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ކަނޑުގެ ރާޅުން އަދި ވައިން ހަކަތަ އުފެއްދުމަށްވެސްވަނީ މަސައްކަތްތަކެއް ކޮށްފައެވެ.