ޚަބަރު

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިއަހަރު ފަށާނެ: ރައީސް


  • ސަރުކާރުގެ ޢަމާޒަކީ މި ދަޢުރުގައި 40000 ހައުސިން ޔުނިޓް ތަރައްޤީކުރަން ފެށުން

  • ރައީސް ވިދާޅުވީ ހައުސިން މަޝްރޫޢުތައް ފެށުމުގެ އިދާރީ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް

  • ވ.ފެލިދޫގެ ބިން ހިއްކަވައިދެއްވާނެކަމަށްވެސް ވިދާޅުވި

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޯހިޔާވާހިކަމުގެ މަޝްރޫޢުތައް މިއަހަރު ފައްޓާވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު މިހެން ވިދާޅުވީ ވ.ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތަށްވާއިރު އެކަމާއި އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.

ސަރުކާރުން ޢަމާޒުކޮށްފައިވަނީ އަތޮޅުތަކުގައި 40000 ހައުސިން ޔުނިޓްގެ މަޝްރުއޫ މި ދަޢުރުގެ ތަރޭގައި ކުރިއަށްގެންދިއުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ޢަމަލީގޮތުން ފައްޓާވާނެކަމަށެވެ.

އެގޮތުން ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ހިންގާ މަޝްރޫޢުތައް އަދި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފެލިދޫގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެލިދޫގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ފަށައި، އެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެކަމަށެވެ. އަދި އެ ބިމުގައި ހައުސިން މަޝްރޫއުވެސް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފެލިދުއަށް އެންމެ މުހިންމީ ބިން އިތުރުވުން. ރަށުގެ ލޭންޑް ޔޫސް ޕްލޭގައި އޮތް ގޮތަށް، މިރަށުން ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކައިދޭނަން. ބިއް ހިއްކައިދީ މިއަހަރުގެ ތެރޭގައި ނިންމުން ޢަމާޒަކީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެލިދޫގައި ސިއްޙީ ޚިދުމަތް ރަނގަޅުކުރުމާއި ސްކޫލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމުގެ ބޮޑު ޕްރޮޖެކްޓެއް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ކަނބަލުން އެދެމުންދާގޮތަށް އަންހެނުން ކުޅޭ އެކިކަހަލަ ކުޅިވަރު ފެސިލިޓީތައް ރަށްތަކުގައި ޤާއިމުކުރުމުގެ ޕްރޮޖެކްޓެއްވެސް އަންނަ އަހަރު ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އަވަސް ސްޕީޑްގައި މަސައްކަތްތައް ގެންގޮސް، ނަތީޖާ ނެރެދެއްވުންކަމަށެވެ.