ޚަބަރު

އަލަށް ތަމްރީނުކުރާ ޒުވާން ޚަތީބުންނަށް އާދިއްތަ ދުވަހު ހުއްދަ ދޫކުރަނީ


  • އިންޓަވިއު މަރުހަލާ މިހާރު ވަނީ ނިންމާލާފައި

  • މި ޕްރޮގްރާމްގައި 160 ޒުވާނުން ބައިވެރިވި

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން، އަލަށް ތަމްރީނުކުރާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރަން ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޒުވާން ޚަޠީބުންނާ އިންޓަރވިއުކުރުމުގެ މަސައްކަތް ނިންމާ މާލެ ސަރަޙައްދުގައި ތިބި ފަރާތްތަކުގެ އަމަލީ ތަމްރީނު ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އަދި ޚުތުބާ ކިޔުމުގެ ރަސްމީ ހުއްދަ އާދިއްތަ ދުވަހު ދޫކުރަން ފަށްޓަވާނެކަމަށާއި ރޯދަ މަހު އެ ޒުވާނުން ޚުޠުބާ ކިޔާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާ ވަނީ އިންޓަރވިއުކޮށްފައެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެކެވެ.