ޚަބަރު

ކިނޮޅަހުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ރައީސް ކައުންސިލާއެކު މަޝްވަރާކުރައްވައިފި


  • ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ރައީސާއި ހިއްސާކުރެއްވި

  • ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކިނޮޅަހު ކައުންސިލާއެކު ހޮނިހިރުދުވަހުގެރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރ. މީދޫ ކައުންސިލުގެ އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއް އެޅުމާއި އައު މިސްކިތެއްގެ މުހިންމުކަމާއި ފުޓްސަލް ދަނޑު ރަނގަޅުފެންވަރަށް ހެދުމާއި ވޮލީކޯޓް މަރާމާތުކުރުން، އަދި އިންޑޯޖިމެއްގެ މުހިންމުކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.