ޚަބަރު

އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ބޭނުންކުރަން ފަށަނީ


  • މި ޚިދުމަތުގައި ސީޕްލޭން މިމަހު 15 ގައި ބޭނުންކުރަން ފަށާނެ

  • މިހާރުވެސް ބަލި މީހުން ގެންދަންޖެހޭ ޙާލަތުގައި ސްޓްރެޗަރ ޖަހައިގެން ޚިދުމަތްދޭ

މިމަހުގެ 15 އިން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ސީޕްލޭނެއް ބޭނުންކުރަން ފަށާނެކަމަށް އައިލެންޑް އެވިއޭޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް މިހާރުވަނީ ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފައްޓަވާފައެވެ. އެހެންނަމަވެސް އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިލެންޑް އެވިއޭޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސީޕްލޭނެއް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް މިހާރު އަންނަނީ މި ޚިދުމަތްދިނުމަށް ސީޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން. މިހާރުވެސް ބޭނުންޖެހޭ ޙާލަތުގައި ސްޓެރެޗަރ ޖަހައިގެން ބަލި މީހުން އުފުލާނެ. އެހެންނަމަވެސް ޤާއިމުކުރަންޖެހޭ ވަޞީލަތްތަކާއެކު ސީޕްލޭން މިކަމުގައި ބޭނުންކުރަން ފަށާނީ މިމަހު 15 ގައި." ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ބައްޓަންވެފައިވާ ގޮތުން މިއީ މުހިއްމު ޚިދުމަތެކެވެ. އެހެންކަމުން މި ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ ވަށާޖެހޭ ޚިދުމަތެއް ދިނުމަށް އެއްގަމުގައި ބޭނުން ކުރާ އެމްބިއުލާންސްތަކާއެކު ސީ އެމްބިއުލާންސްގެ ފްލީޓަކީވެސް ރަނގަޅުގޮތުގައި އޮޕަރޭޓްކުރާ ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

"ކަނޑުމަގުން އުފުލަންޖެހޭ ބަލި މީހުންވެސް އުފުލުމަށްޓަކައި ބޭނުންވާ ޚިދުމަތް ހަރުދަނާކުރުމަށް މިދަނީ މަސައްކަތްކުރަމުން. ބޭނުންވަ ވަޞީލަތް ޤާއިމުކޮށް މީހުން ތަމްރީނުކޮށް އަދި ޑޮކްޓަރުން މަދުވާ ދިމަދިމާއަށް ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތްވެސް އެބަދޭ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާއިރު، ޚިދުމަތް ދެއްވާ ފަރާތްތަކުގެ އިލްތިމާސެއްވެސް އެބައޮތެވެ. އެގޮތުން މިއީ ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު އެދެމުންދާ ޚިދުމަތަކަށްވުމާއެކު ޚިދުމަތް ކޮންމެހެން ބޭނުންޖެހޭ ފަރާތްތަކަށް އެފުރުޞަތު ދެއްވާ، އެކި ނުފޫޒު ބޭނުންކޮށްގެން ޚިދުމަތުގެ ނާޖާއިޒް ފައިދާ ނުނެގުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.