ޚަބަރު

އެއަރ އެމްބިއުލާންސް ޚިދުމަތާއެކު ކުއްލި ފަރުވާ ޔަޤީންކަމާއެކު އަވަހަށް


  • އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެއް

  • ޞިއްޙީ ދާއިރާ ހަރުދަނާކޮށް ފަރުވާގެ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާގޮތުން ކޮންމެ ޚިދުމަތެއް ދިނުމުގައިވެސް އެތައް ދަތިތަކެއް ރާއްޖެއަށް ކުރިމަތިވެއެވެ. އެހެންނަމަވެސް ޞިއްޙީ ޚިދުމަތަކީ އެސަބަބާއި ހުރެ ކޮމްޕްރޮމައިޒްކޮށްލެވޭނެ ކަމެއް ނޫނެވެ.

ސެންޓްރަލް ޞިއްޙީ ނިޒާމަކަށް ބަރޯސާވެފައިވާ ރާއްޖޭގެ ޞިއްޙީ ނިޒާމު އޮތްގޮތުން އެންމެ ރަނގަޅު ފަރުވާ ކުއްލި ޙާލަތުގައި ދެވޭނެ އިންތިޒާމު ޤާއިމުވެފައި ހުރީ މަދު ހޮސްޕިޓަލްތަކެއްގައެވެ. އަދި ގިނަ ފަހަރަށް ޑޮކްޓަރުންގެ ރިފަރަލްގައި އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ ވެރިރަށް މާލެއަށެވެ. އެހެންނަމަވެސް މާޒީއަށް ބަލާއިރު ބަލި މީހުން އުފުލުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން ހިތާމަވެރި އެތައް ޙާދިސާތަކެއް ހިނގާފައި ވެއެވެ.

މިހާތަނަށް މެޑިކަލް އިވެކުއޭޝަންތައް ކުރިއަށްގެންގޮސްފައިވަނީ އައިލެންޑް އެވިއޭޝަންގެ ބެލުމުގެ ދަށުން ޤައުމީ އެއަރލައިން މޯލްޑިވިއަނުންނާއި ދިވެހި ޤައުމީ ދިފާޢީ ބާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ.

އާސަންދައާއި އެންސްޕާގެ އެހީތެރިކަމާއެކު އައިލެންޑް އޭވިއޭޝަނުން މި ޚިދުމަތް ފޯރުކޮށްދެނީ "ޝެޑިއުލްޑް ކޮމާޝަލް" އޮޕަރޭޝަންގެ ބޭރުން ދެވޭ ޚިދުމަތެއްގެ ގޮތުގައި މިހާރު އެ ކުންފުނިން ބޭނުންކުރާ މަތިންދާ ބޯޓުތައް ބޭނުންކޮށްގެންނެވެ. އެހެންކަމުން ޝެޑިއުލްޑް ކޮމަރޝަލް އޮޕަރޭޝަނަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މެޑިކަލް ޗާރޓަރގެ ޚިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަނަށް ގޮންޖެހުންތަކާވަނީ ކުރިމަތިލާންޖެހިފައެވެ.

އޭގެސަބަބުން ކުއްލި ޙާލަތުގައި ބަލި މީހުން އުފުލުމަށް އިދާރީ ކަންކަން ހަމަޖެއްސުމާއި ކުއްލި ޙާލަތުގައި ބޭނުންވާ ގަޑިތަކުގައި އެއަރކްރާފްޓްތައް ލިބެން ނެތުމުން ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމަށް ލިބިގެންދާ މުހިންމު އެތައް ވަގުތެއް ބޭކާރުވެ ސަލާމަތްކުރުމުގެ ފުރުސަތު އޮތް އެތައް ފުރާނައެއް ވަކިވެގެންގޮސްފައިވާކަމުގެ ޝަކުވާ އަބަދުވެސް ރައްޔިތުންގެ އޮވެއެވެ.

މެޑިކަލް ޗާރޓަރގެ ޚިދުމަތަކީ ސަރުކާރުން މިހާރުވެސް އެކަމަށް ބޮޑު ހޭދައެއް ކުރަމުން ގެންދާ ޚިދުމަތަކަށްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ކުއްލި ފަރުވާގައި އެއްތަނުން އަނެއް ތަނަށް ބަލި މީހުން އުފުލުމުގެ ޤައުމީ ނިޒާމެއް ޤާއިމުކުރެއްވުމެވެ.

މިހާރު އޮތް އުސޫލުގެ ތެރެއިން ޚިދުމަތް ދިނުމުގައި އިތުރު ގޮންޖެހުންތައް ކުރިމަތިވެއެވެ. އެއީ އެއަރ އެމްބިއުލާންސަކަށް ޚާއްސަ ސިފަތައް ކޮމަރޝަލް އެއަރކްރާފްޓްތަކުގައި ނެތުމަކީ މި ޚިދުމަތް ދިނުމަށް ކުރިމަތިވާ ދަތިކަމެކެވެ.

އެގޮތުން، އިމަރޖެންސީ ޙާލަތްތަކުގައި ބޭނުންކުރެވޭނެ ވަސީލަތްތައް މިއެއަރކްރާފްޓްތަކުގައި ޤާއިމްވެފައި ނެތުމާއި، މިފަދަ ހާލަތްތަކަށް ތަމްރީނުވެފައި ތިބި ޓެކްނިކަލް ކްރޫން ނެތުމުގެ ސަބަބުން މެޑިކަލް އިމަރޖެންސީގެ ޙާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް ބަލިމީހުން އުފުލުމުގައި އަވަސް ޞިއްޙީ ފަރުވާ ނުދެވި ފުރާނައަށް ނުރައްކާވާފަދަ ހާދިސާތައް ދިމާވަމުގެ ފުރުސަތު އޮވެއެވެ.

މި މަޝްރޫޢުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ DHC-8-200 މަރުކާގެ އެއަރ އެމްބިއުލާންސް ޚިދުމަތަށް ޚާއްސަ ބޯޓުތަކެވެ. މިއާއެކު މާލެ ޞަރަހައްދުގައި ޤާއިމްކުރެވިފައިވާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ ނިޒާމްގެ ތެރެއަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހިމެނި، 24 ގަޑިއިރު ދެވޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.

މިއާއެކު އެއް ވިއުގައެއްގެ ތެރެއިން ބަލި މީހާ އުފުލާ ތަނާއި ބަލި މީހާ ގެންދެވޭ ހޮސްޕިޓަލާއި ދުރާލާ ގުޅާލެވި ބަލި މީހާއަށް ބޭނުންވާ ފަރުވާ ދިނުމަށް ތައްޔާރީ ޙާލަތަކަށް ގެނެވިގެންދެއެވެ. މީގެ ސަބަބުން ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާވުމުގެ ސަބަބުން ފުރާނަތަށް ސަލާމަތްކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.