ޚަބަރު

ތެލަސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން ޢިނާޔަތެއް ދެނީ


  • ތެލަސީމިއާ ކުދިންނަށް ދޭ ޢިނާޔަތް ބޮޑުކުރެވޭނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން

  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގިނަ ތެރަޕީތަކެއް އަތޮޅު ހޮސޕްިޓަލްތަކުގައި ތަޢާރަފްކުރަނީ

  • ސެން ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް

އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނ.މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލުގައި 3 ކަމަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވެވިއެވެ. އޭގެތެރެއިން ތެލަސީމިއާ ކުދިންގެ އިނާޔަތާއި ގުޅޭގޮތުން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ޢިނާޔަތް ދެއްވުމަށް މިއަހަރުގެ ބަޖެޓް ފާސްކުރިއިރު މަޖިލީހުން ހިމަނުއްވާފައި ނުވާކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ދެއްވާން ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތެލަސީމިއާ ކުދިންނަށް ދޭ އިނާޔަތް މިއަހަރުގެ ބަޖެޓުގައި ނެތް ހިމެނިފައި. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދޭންފަށަން ގަސްތުކުރަނީ." ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ޚިދުމަތް ލިބެން ނެތުމާއި ގުޅިގެން ވަސްމާ ޔޫސުފް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ އެކުދިންނަށް ބޭނުންވާ ޚިދުމަތްތައް ކޮންމެ އަތޮޅެއްގެ، އަތޮޅު ހޮސްޕިޓަލެއްގައި ޤާއިމުކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ޚާއްސަ އިސްކަމެއް ދެއްވާފައިވާކަމެއްކަމަށެވެ.

އެގޮތުން ހޮސްޕިޓަލްތަކުގައި އެފަދަ ކުދިންނަށް ބޭނުންވާ ފިޒިއޮތެރަޕީއާއި ސައިކޭޓްރީގެ ޚިދުމަތާއި އިތުރު ތެރަޕީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ. އަދި މިއީ ޚާއްސަ ތަމްރީންތަކެއް ލިބިފައިވާ ބަޔަކު ހޯދަންޖެހޭ ދާއިރާއެއްކަމުން، ބަޖެޓު ތަންދިން މިންވަރަކުން ވީހާވެސް ގިނަ އަތޮޅު ހޮސްޕިޓަލްތަކެއްގައި މިފަދަ ޚިދުމަތް ޤާއިމުކޮށް ސްޕެޝަލިސްޓުން ބޭތިއްބުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދެއްވުމަކީވެސް އެމަނިކުފާނުގެ ޚާއްސަ ސިޔާސަތެއްކަމަށެވެ. މިގޮތުން މިމަސައްކަތް ފެށިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ސެން ކްލާސްތައް ސްކޫލްގައި ޤާއިމުކުރުމަކީވެސް މެނިފެސްޓޯގައި ޚާއްސަ އިސްކަމެއް ދީފައިވާދާއިރާއެއް. ޓްރެނިންގ ލިބިފައިވާ ސެން ޓީޗަރުންނެއް ނެތް ހަގީގަތުގައި. އެކަމަށް ޚާއްސަ ޓްރއެނިންގ އެއް ލިބެންޖެހޭނެ އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް. އެކަމުގެ މަސައްކަތް މިހާރު ފެށިފައިވަނީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ ސެން ޓީޗަރުން ތަމްރީންކުރުމާއެކު އެފަދަ ކުދިންނަށް ކިޔަވައިދޭން ސްކޫލްތަކުގައި ޤާއިމުކުރަންޖެހޭ ވަޞީލަތްތަކެއް ހުންނަކަމަށާއި އެވަޞީލަތްތައް ޤާއިމުކުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ.