ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އުތުރުގެ 4 އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ޖުމްލަ 20 ރަށަށް ވަޑައިގެންނެވި

  • 50އަށްވުރެ ގިނަ ކައުންސިލާއި ބައްދަލުކުރެއްވި

  • ރައްޔިތުންނާއި ބައްދަލުކުރައްވާ ސަރުކާރުގެ ތަރައްޤީގެ ތަޞައްވުރު ޙިއްސާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ހއ.، ހދ.، ށ.، އަދި ނ. އަތޮޅު ހިމެނޭހެން އުތުރުގެ 20 ރަށަކަށް ވަނީ ވަޑައިގަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި 3 ވަނައަށް ވަޑައިގެންނެވި ސަރަޙައްދެވެ. މިދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ކައުންސިލްތަކާއި ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ ޙާލަތު ކައިރިން ބެއްލެވުމެވެ.

މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 7ރަށް، ހދ.އަތޮޅުގެ 5 ރަށް، ށ.އަތޮޅުގެ 4 ރަށް އަދި ނ.އަތޮޅުގެ 4 ރަށަށް ރައީސް ވަޑައިގެންނެވިއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށެއްގެ ރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ރައްޔިތުންނާވަނީ ބައްދަލުކުރައްވާފައިވެއެވެ. އަދި އެމަނިކުފާނަށް ވަޑައި ނުގެންނެވޭ ރަށްރަށުގެ ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ މިރަށްރަށުގައިވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މި 4 އަތޮޅުގެ 51 ރަށެއްގެ ރަށު ކައުންސިލާއި ބައްދަލުކުރެއްވިއެވެ. އަދި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލާއި ކުޅުދުއްފުށި ސިޓީ ކައުންސިލާވެސް ބައްދަލުކުރެއްވިއެވެ.

ރައީސްގެ ދަތުރުފުޅުގައި ވަނީ މި ސަރަޙައްދުގައި ތަރައްޤީގެ ގޮތުން ކުރައްވާނެ މަސައްކަތްތައް ރައްޔިތުންނާއި ޙިއްސާކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖޭގައިވެސް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އެންމެ ބޮޑު މަޝްރޫޢު، އުތުރުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢުގެ ތަފްސީލާއި އުތުރުގައި 3 އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

އަދި ބިމުގެ ޖާގައިގެ ދަތިކަން އޮތް ރަށްތަކަށް އެ މައްސަލަ ޙައްލުކޮށްދެއްވުމާއި ގެދޮރުވެރިކުރުމާއި ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދަވާނެ މަސައްކަތްތައްވެސް ރައީސްވަނީ ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ.

މީގެއިތުރުންވެސް އުތުރުގައި ފަތުރުވެރިކަން ފުޅާކުރެއްވުމާއި އީކޯ ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ރަށްރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުގެ ތަޞައްވުރު ރައީސް ވަނީ ރައްޔިތުންނާއި ޙިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި މިހާތަނަށް 9 އަތޮޅަށް ވަނީ ވަޑައިގެންފައެވެ. އެމަނިކުފާނުގެ ޢަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގަތުމެވެ. އަދި އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެންނެވުމެވެ.