ޚަބަރު

150އަށްވުރެ ގިނަ ކޯހާއެކު ވިލާ ކޮލެޖުގެ މެއި އިންޓޭކަށް ހުޅުވާލައިފި


  • އޭޕްރީލް 20ގެ ކުރިން ފޯމް ހުށައެޅޭނެ

  • އައު އެތައް ކޯހެއް ވަނީ ހިމަނާފައި

  • އައު ކޯސްތައް ފެށުމަށް ދަނީ މަސައްކަތް ކުރަމުން

ވިލާ ކޮލެޖުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ވިލާ ކޮލެޖުންވަނީ ތަފާތު އެކި ދާއިރާތައް ހިމެނޭހެން ޖުމްލަ 150އަށް ވުރެ ގިނަ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މީގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ޓީޗިންގް، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް ފަދަ ދާއިރާތައް ހިމެނެއެވެ. އަދި ހިއުމަން ރިސޯސް، އިންޖިނިއަރިންގް، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތު އަދި އިންޓީރިއާ އާކިޓެކްޗަރ އެންޑް ޑިޒައިން ފަދަ ދާއިރާތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 21 ކޯހާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އާއި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހާއި، ޑިގްރީ ފެންވަރުގެ 45 ކޯސް ހިމެނެއެވެ. އަދި ޑިޕްލޮމާ ފެންވަރުގެ 50 ކޯހާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހާއި، ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހާއި، ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށް ވިލާ ކޮލެޖުން މަޢުލޫމާތުދެއެވެ.

ވިލާކޮލެޖުން ބުނީ މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމަންޓްގެ ނޭޝަނަލް ލެވެލް 3 އަދި 4 ގެ ކޯސް މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް މުޅިން އަލަށް މާސްޓަރސް އޮފް އެޑިއުކޭޝަން ލީޑާރޝިޕް އެންޑް މެނޭޖްމަންޓާއި މާސްޓަރސް އޮފް ރިސާރޗް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެން ދާނެކަމަށެވެ. އަދި ކަލިނަރީ އާރޓްސް ލެވެލް 3ގެ ކޯސް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވިލާ ކޮލެޖުން ހާމަކުރެއެވެ.

ވިލާ ކޮލެޖުގެ މެއި އިންޓޭކުގެ ކޯސްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ދިނުމަށް މަސައްކަތް ކުރަނީ ވިލާ ކޮލެޖުންކަމަށެވެ. އެގޮތުން ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފެންވަރު ރަނގަޅު ބްރޭންޑެއްގެ ގޮތުގައި ވިލާ ކޮލެޖު ގާއިމް ކުރުމަށްކަމަށެވެ.

" އަޅުގަނޑުމެން އެއްގޮތަކަށްވެސް ކޮމްޕްރޮމައިސް ނުކުރާކަމަކީ ކޮލިޓީ. އޭގެ މާނައަކީ ކޮލިޓީ ޕްރޮގްރާމްތަކެކޭ. ކޮލިޓީ ލެކްޗަރާއިން ތަކެކޭ ކިޔަވައި ދެއްވާނީ. ކޮލިޓީ މެނޭޖްމަންޓެކޭ އޮންނާނީ. އެހެންވީމަ ވިލާ ކޮލެޖް ފެނިގެންދާނީ ކޮލިޓީ ބްރޭންޑެއްގެ ގޮތުގައި" އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ވިލާ ކޮލެޖުގެ އަމާޒަކީ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ދިނުންކަމަށެވެ. އެގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކުގެ އަމަލީ ތަމްރީނު ދިނުމަށް ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމްކޮށްފައިވާނެކަމަށް އަންވަރު ވިދާޅުވިއެވެ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ ވަޒީފާގެ މާހައުލުގައިވެސް އަދި މުޖްތަމައުގަވެސް ބޭނުން ހިފޭ ފެންވަރުގެ ދަރިވަރުންނަށް ވާނެކަމަށެވެ.