ޚަބަރު

ފުނަދޫގެ އެއަރޕޯޓާއި ހޮސްޕިޓަލް ބޮޑުކޮށް، ތަރައްޤީކޮށްދޭނަން: ރައީސް


  • ރައީސް ވިދާޅުވީ އެއަރޕޯޓްގެ ރަންވޭ ބޮޑުކުރައްވާނެކަމަށް

  • ހޮސްޕިޓަލް ބޮޑުކުރުމާއި ވަސީލަތްތަކާއި މުވައްޒަފުން އިތުރުކުރައްވާނެ

  • އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށްވެސް ވިދާޅުވި

ފުނަދޫ އެއަރޕޯޓް ބޮޑުކޮށް އިތުރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ.ފުނަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ފުނަދޫގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުނަދޫގެ ތަރައްޤީއަށް ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތައް އެބަހުރިކަމަށެވެ. ރައީސްވަނީ ފުނަދޫގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ މަސައްކަތްތައް ސަރުކާރުން ފުރިހަމަކޮށްދެއްވާނޭ ކަމުގެ ޔަގީން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އެދެމުންދާގޮތަށް ފުނަދޫގެ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އެގޮތުން އެއަރޕޯޓްގެ ޖާގަ އިތުރުކުރުމާއި އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށްދެއްވާނެކަމަށެވެ.

ފުނަދޫ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުއެވެ. އެއަރޕޯޓްގައި މިހާރު އޮތް ރަންވޭއަކީ 1200 މީޓަރުގެ ރަންވޭއެކެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢު އިސްކަންދެއްވާ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދަވާނެކަމަށެވެ.

"އެއަރޕޯޓްގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރާނަން. ފްލައިޓްތައް އިތުރުކުރާނަން. އަދި އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢު ހިންގާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ އިސްކަންދެއްވާ އެއް މަސައްކަތުގެ ގޮތުގައި ފުނަދޫގެ ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށެވެ. މި ހޮސްޕިޓަލަކީ ފުނަދޫއަށް ހިޖުރަކޮށްފައިވާ 9 ރަށުގެ މީހުންނާއި ކައިރި ހިސާބުތަކުގެ ރައްޔިތުންވެސް ބޭނުންކުރާ މައި ހޮސްޕިޓަލެވެ. ރައީސް ވިދާޅުވީ ޖާގައާއި ޚިދުމަތްތައް އަދި ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުންވެސް އިތުރުކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ސްކޫލްގެ ޖާގަ އިތުރުކުރުމާއި ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ޤާއިމުކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ށ.ފުނަދޫޢަކީ އެއްފަސްކުރުމުގެ ސިޔާސަތުވެސް ކުރިއަށްގެންދެވޭނެ ފުރުޞަތު އޮތް ރަށެއްކަމަށެވެ. އެހެންކަމުން ރަށް ތަރައްޤީވެގެން އަންނާނީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިކަމަށެވެ. އަދި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދަވާނެކަމަށެވެ. ފުނަދޫގައި މިހާރުވެސް 9 ރަށުން މީހުން ހިޖުރަކޮށް ދިރިއުޅެމުން އާދެއެވެ. މިއާއެކު ރަށުގެ އާބާދީ 2000އިން މައްޗަށްއަރައެވެ.

މީގެއިތުރުން ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާއި ސަރަހައްދުގެ ފަޅު ރަށްތައް ހިމެނޭގޮތަށް އިކޯ ޓުއަރިޒަމްގެ މަޝްރޫޢުވެސް ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ.