ޚަބަރު

އެމްޑީޕީއަށް ބޮޑު ރަށެއްވެސް، ކުޑަ ރަށެއްވެސް ތަރައްގީ ނުކުރެވުނު: ޝިޔާމް


  • ކުރީ ސަރުކާރުގެ 5 އަހަރުން އުފެއްދީ ބޮޑު ދަރަންޏެއް

  • 8 ބިލިއަންގެ ރުފިޔާ ޗާޕުކޮށްގެންވެސް ކުރިކަމެއް ނެތް

  • ހުރިހާ ބާރެއް އޮތްއިރުވެސް ތަރައްގީއެއް ނުގެނުވުނު

ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްޤީކުރާނެކަމަށް ބުނެ ނިމިދިޔަ ސަރުކާރުން ދެއްކި ވާހަކަތަކާއި ރަށްރަށުން ފެންނަ މަންޒަރު ދިމާނުވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަަދު މުއިއްޒު އުތުރުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ.ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ ބަދަލުގައި އިތުރުކުރީ ދައުލަތުގެ ދަރަނިކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން އެންމެ ބާރަށް ދެއްކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްޤީ ގެނެސްދޭނެ ވާހަކަނަމަވެސް، މިއަދު ރަށްރަށުން ފެންނަނީ ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ފުރިހަމަނުކޮށް ހުރުމުގެ ސަބަބުން ރައްޔިތުން އެކި ތަކުލީފުތަކުގައި އުޅޭ މަންޒަރުކަމަށެވެ.

ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި 168 ބިލިއަނެޢްހާ ރުފިޔާ ބަޖެޓުގެ ގޮތުގައި ލިބިފައިވާނެކަމަށޭވެ. ނަމަވެސް ރައްޔިތުންނަށް ފައިދާ ހުރިކަމެއް ކުރަން އެ ފައިސާ ހަރަދުކުރިކަން.ފެންނަން ނެތްކަމަށާއި، ރައްޔިތުންނަށް ސާފުކޮށް އެކަން މިއަދު ހަމަވާކަމަށެވެ.

ބަޖެޓުން ތަރައްގީއަށް ހަރަދުކޮށްފައި ނުވާއިރު، އިތުރަށް އެތައް ބިލިއަން ރުފިޔާއެއް ޗާޕުކޮށްގެންވެސް ކުރިކަމެއް ނެތްކަން ޝިޔާމް ފާހަގަކުރެއްވިއެެވެ. މީގެއިތުރުން މަސްވެރިންނަށް ނުދީ އެތައް މިލިއަން ރުފިޔާއެއް ހުރިކަމަށާއި، އަދި ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ، ދައުލަތް 120 ބިލިއަން ރުފިޔާއިން ދަރުވާލާފަޢިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"5 އަހަރުގެ ސަރުކާރަކަށް 168 ބިލިއަނަށްވުރެ ކުޑަ ނޫން ބަޖެޓެއް ލިބޭނެ. މިފަދަ ރަށްރަށަށް އައުމުން ރައްޔިތުންގެ ޝަކުވާއައި ކަންބޮޑުވުމުން އެނގިގެންދަނީ އެއްވެސްކަމެއް ކޮށްދީފައި ނުވާކަން. ބަޖެޓަށާއި އޭގެއިން ނުވެގެން ފައިސާ ޗާޕުކޮށްގެން ކުރީ ކޮންކަމެއްތޯއޭ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަޢްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވުމަށް ކުރާ މަސައްކަތަށް މިއަދު އިދިކޮޅުގައި ތިއްބެވި ނިމިދިޔަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ހުރަސް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓްގައި ރައްޔިތުންގެ ތަރައްގީއާ ގުޅޭ މަޝްރޫއުތައް ހިމަނުއްވަން އިދިކޮޅު މެމްބަރުން ހުރަސް އެޅުއްވިކަންވެސް ޝިޔާމް ފާހަގަކުރެއްވިއެެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތްކުރާ މަޖިލީހަކަށް ހަދަންޖެހޭކަމަށެވެ. އަދި މަޖިލީހަކީ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާތަނަކަށް ހެދޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރުދަނާ ބަޔަކު މަޖިލިހަށް އިންތިހާބު ކުރެވިގެންކަމަށެވެ.