ޚަބަރު

ކެލާ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިވެރިކަމުގެ މަޝްރޫޢެއް ހިންގާނަން: ރައީސް


  • ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ރަށެއްކަން ފާހަގަކުރެއްވި

  • ރައީސް ވަނީ ކެލާ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާ ބައްދަލުކުރައްވާފައި

ކެލާގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމާއި ރަށުގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓް ހިންގާ އެކަންކަމުން އާމްދަނީ ލިބޭނެ ފަހި ފުރުޞަތު ރަށުގެ ރައްޔިތުންނަށް ހުޅުވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެލާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކެލާގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. މިދަތުރުފުޅުގައި ރައީސް ވަނީ ކެލާގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.

ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުޞަތު އޮތް ރަށެއްކަމަށެވެ. އެގޮތުން ކެލާގެ ފަޅުތެރޭގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ ކެލާގެ އިތުރުން، މި ސަރަޙައްދުގެ ޒުވާނުންނަށްވެސް މިކަމުގެ ސަބަބުން ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ.

މިހާރު އެ ރަށުގައި ފަށާފައިވާ ޓުއަރިޒަމް ޒޯންގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

"ފަޅު ތެރޭގައި ރިސޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ބޮޑު އިސްކަމެއް ދޭނަން. އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް އެކަމަށް މަގުފަހިކޮށް، ޙަޤީޤަތަކަށްވާތަން ފެންނާނެ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކެލާއަކީ ދަނޑުވެރިކަން ކުރާ ރައްޔިތުން އުޅޭ ރަށަކަށްވުމާއެކު ދަނޑުވެރިކަން ރަށުގައި ފުޅާކުރުމަށް ޕްރޮގްރާމެއް ހިންގަވައިދެއްވާނެކަމަށެވެ.

ރާއްޖޭގައި ހެއްދޭ ބާވަތްތައް، ރާއްޖޭގައި ހައްދާ މިންވަރު އިތުރުކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އުފައްދާ ބާވަތްތައް، ރިސޯޓްތަކަށް ރަނގަޅު ސަޕްލައި އެއް ދެވޭ ވަރަށް ރަށްރަށުގައި އުފެއްދޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެއްކަށެވެ.

"ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި އުފައްދާ ރިސޯޓްތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ގެންދަން ބޭނުން. މި ރަށް ވެގެންދާނެ އެކަމުގައި މުހިންމި ރަށަކަށް. އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް އެކަން އިސްކަންދޭ މަސައްކަތްތެއްގެ ގޮތުގައި މިރަށުގައި ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްވާ ވިދާޅުވީ އެހެން ރަށްތަކޭ އެއްގޮތަށް، ކެލާގައިވެސް މަޑުޖެހިފާ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ. މީގެއިތުރުން ރަށުގެ ސިއްޙީ ޙާލަތު ރަނގަޅުކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގުމުގެ އިތުރު ސުކޫލާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ރަށުގައި ޤާއިމުކޮށްދެއްވަނެކަމަށް ވިދާޅުވިއެވެ.