ޚަބަރު

އަންނަ މަހު 4 ރަށެއްގެ ބައި-އިލެކްޝަން ބާއްވާނެ


  • އަންނަމަހު 17 ގައި ތަކަންދޫއާއި ވެލިދޫ ކައުންސިލް ބައި-އިލެކްޝަން

  • އަންނަމަހު 30 ގައި މާފަރާއި މަޑުއްވަރީ ކައުންސިލް ބައި-އިލެކްޝަން

ކުރިއަށް އޮތް މާރިޗު މަހު، 4 ރަށެއްގެ ބައި-އިލެކްޝަން އިލެކްޝަނުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެގޮތުން އެންމެ ފުރަތަމަ ބައި-އިލެކްޝަން އޮންނާނީ ދެ ރަށެއްގައެވެ. އެއީ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ. މި ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ބޭއްވުމަށް އިލެކްޝަނުން ވަނީ ނިންމަވާފައެވެ.

މާރިޗު މަހު ދެން އޮންނަ ބައި-އިލެކްޝަނަކީ ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. މި ބައި-އިލެކްޝަން އޮންނާނީ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ތަކަންދޫއާއި ވެލިދޫ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މި މަހުގެ 14 އަށް ވަނީ ހަމަވެފައެވެ. އަދި މާފަރާއި މަޑުއްވަރީ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިމަހުގެ 28 އަށް ހަމަވާނެއެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 4،080 ފަރާތަކަށް ލިބިގެންވެއެވެ.