ޚަބަރު

ބޮޑުތިލަދުންމަތީގެ 20 ރަށަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި


  • މިއީ 6 ދުވަހުގެ ދަތުރުފުޅެއް

  • ހއ.ގެ 7 ރަށް، ހދ.ގެ 5 ރަށް، ށ.އަތޮޅުގެ 4 ރަށް އަދި ނ. އަތޮޅުގެ 4 ރަށަށް ވަޑައިގަންނަވާނެ

  • ރަށްރަށުގެ ކައުންސިލާއި، ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިިއްޒު ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށް ކުރަމުންގެންދާ ދަތުރުފުޅެކެވެ.

ރައީސްގެ މިދަތުރުފުޅުގައި ހއ. ގެ 7 ރަށާއި ހދ. ގެ 5 ރަށް، ށ. އަތޮޅުގެ 4 ރަށް އަދި ނ. އަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްތަކުރާ ކޮމިޓީތައް އަދި ރަށްރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާނެއެވެ.

ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ހއ. ހޯރަފުށްޓަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއެހުމާއި އެކަންކަމަށް ކައުންސިލްތަކާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކަށް މަޝްވަރާކުރައްވާނެއެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެއެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް، ތ. އަތޮޅު، އައްޑޫ ސިޓި، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅަށް ވަނީ ވަޑައިގަންނަވާފައެވެ.