ޚަބަރު

ބޯހިޔާވަހިކަމަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި


  • ގޯއްޗާއި ސޯޝަލް ހައުސިންގއަށް ވަނީ ބިންކަނޑައަޅާފައި

  • އިޤްތިޞާދީ މަސައްކަތްތަކަށްވެސް ޚާއްސަ ސަރަަޙައްދުތަކެއް

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން އާއްމުކޮށްފިއެވެ. ގުޅިފަޅަކީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމުގެ ބޭނުމުގައި ތަރައްގީކުރަމުންދާ ތަނެކެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. މިގޮތުން ތަޢުލީމީ ޚިދުމަތާއި، ސިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައެޅިފައިވެއެވެ. އަދި ގުޅިފަޅާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލެވުމަކީވެސް ގުޅިފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެއްކަން އެޗް.ޑީ.ސީއިން ފާހަގަކުރެއެވެ.

ދިރިއުޅުމުގެ ގިނަ ފަސޭހަތަކާއެކު ތަރައްޤީކުރުމަށް ޕްލޭންކޮށްފައިވާ ގުޅިފަޅުގައި އިޤްތިޞާދީ މަސައްކަތްތަކަށްވެސް ޚާއްސަ ސަރަައްދުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއިއަށް ޚާއްސަ ސަރަހައްދުތަކެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ޚާއްސަކޮށް ސިޓީ ހޮޓާ ތަރައްޤީކުރުމަށްވެސް ވަނީ ކަނޑައެޅިފައެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.