ޚަބަރު

މަޖިލިސް އިންތިޚާބު: މާލެއަށް އިތުރު 350 އޮފިޝަލުން ބޭނުންވޭ!


  • 6000 އެއްހާ އޮފިޝަލުން ބޭނުންވޭ

  • މިހާތަނަށް ފޯމު ހުށަހެޅީ 5300 އެއްހާ މީހުން

އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް މާލެ ސިޓީއަށް އެކަނިވެސް އިތުރު 350 އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސްއިން ވިދާޅުވެފައިވާ ގޮތުގައި މިއަހަރުގެ އިންތިޚާބުގައި 6000 އެއްހާ އޮފިޝަލުން ބޭނުންވެއެވެ. ނަމަވެސް މިހާތަނަށް އޮފިޝަލުންނަށްވުމަށް އެދި ފޯމު ހުށަހަޅާފައިވަނީ 5،300 އެއްހާ މީހުންކަމަށް އިލެކްޝަންސްއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އަދިވެސް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށާއި އެގޮތުން މާލެ ސިޓީގައި ބަހައްޓާ ވޯޓުފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވުމަށް 350 އެއްހާ އޮފިޝަލުން ބޭނުންވާކަމަށެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްތަކަށްވެސް އޮފިޝަލުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުން އިތުރަށް ބޭނުންވާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ވީހާވެސް ގިނަ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އިލެކްޝަންސްއިން އެދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އުޖޫރަވެސް ބޮޑުކުރައްވާފައެވެ. އެކޮމިޝަނުން ވިދާޅުވީ އުޖޫރަ ބޮޑުކޮށް، އެކަމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ.

މަޖިލިސް އިންތިޚާބު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ އޮފިޝަލުންނަށް އުޖޫރައިގެ އިތުރުން ރަމަޟާން މަހުގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން ކެއުމާއި ސައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި ނުދެވޭނަމަ ކޮންމެ އޮފިޝަލަކަށް ރޯދަވީއްލުމުގެ ގޮތުގައި 250 ރުފިޔާއާއި ތަރާވީހުގެ ގޮތުގައި 100 ރުފިޔާ ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މަޖިލިސް އިންތިޚާބުގައި އޮފިޝަލުންގެ އުޖޫރަ:

• ވޯޓުލާ މަރުކަޒުގެ ވެރިޔާ: 2650 ރުފިޔާ
• މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ: 2350 ރުފިޔާ
• އޮފިޝަލް: 2250 ރުފިޔާ
• ރިޒާވް އޮފިޝަލް: 1000 ރުފިޔާ

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މާޗު މަހުގެ 17ގައެވެ.