ޚަބަރު

ޤައުމީ އެއަރލައިނުން ސަރފްބޯޑު އުފުލުމަށް ނަގާ ފީ ކުޑަކޮށްދޭނަން: ރައީސް


  • ދެކޮޅު ޓިކެޓާއި ސާޗާޖާއެކު 800 ޑޮލަރު އަރާ

ގައުމީ އެއަރލައިން މޯލްޑިިނިއަނުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސަރފް ބޯޑު ގެނައުމަށް ނަގާ ފީ ކުޑަ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރފް ބޯޑު ގެނައުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކުރުމާއި ގުޅޭގޮތުން "ރައީސްގެ ޖަވާބު"ގެ ތެރެއިން އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރެއްވީ ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ކުރިއަރަމުން އަންނަކަމަކަށްވާއިރު، ސާފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަމުން، ފީ ކުޑަކުރުމާއި ގުޅޭގޮތުންނެވެ. އަދި އެކަމަށް ނަގާ ފީ ބޮޑުކަމުން އެ ވިޔަފާރީއަށް ދަތިތަކެއް ކުރިމަތިވަމުންދާކަންވެސް އަޙްމަދު ރަޝީދު ފާހަގަކުރިއެވެ.

އަޙްމަދު ރަޝީދުގެ ސުވާލަށް ޖަވާބް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ސާފް ބޯޑު އުފުލުމަށް ނަގާ ފީ ބޮޑުކަން ޤަބޫލުކުރައްވާކަމަށެވެ. އެހެންކަމުން އެކަމަށް ނަގާ ފީ ކުޑަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތިވިދާޅުވާ ގޮތަށް މޯލްޑިވިއްނުން ސާފްބޯޑު ގެނައުމަށް ނަގާ އަގު ވަރަށް ބޮޑު. އަޅުގަނޑު އެކަމާއި ވާހަކަދައްކާނަން. ވާހަކަ ދައްކައިގެން އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން. އަގު ކުޑަކޮއްދޭނަން އިރާދަކުރެއްވީޔާ ވީހާވެސް ބޮޑަށް." ރައީސުލް ޖުމަހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާޅައަޅާ ކަނދު ގެންނަން ނަގާ ފީ ބޮޑުވުމަކީ ރާޅާއެޅުމު ހަރަކާތްތައް އިންތިޒާމްކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު މައްސަަލައެއްކަން ގަބޫލް ކުރައްވާކަމަށެވެ. އަދި ހަމަ ގައްދޫ ސަރަހައްދަކީ ރާޅާ އެޅުމުގައި ކުރިއަރާފައިވާ ސަރަޚައްދަކަށް ވެފައި އެކަމަކީ ޓޫރިޒަމްއާއި ދިވެހި ރާއްޖޭގެ އިދްތިސާދާއި ގުޅިފައި އޮތް ކަމަކަށް ވުމުން ސާފް ބޯޑު ގެނައުމަށް ނަގާ އަގު ކުޑަކުރުމަކީ މުހިއްމުކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.