ޚަބަރު

ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއު ހިންގާނީ އެންމެ ދެކުނުގެ 4 އަތޮޅުގައި: ރައީސް


  • ތިނަދޫއަށް ހަގީގީ ސޓީއެއްގެ ދަރަޖަ ހޯދައިދެއްވާނެކަމަށް ވިދާޅުވި

  • ތިނަދޫ ތަރައްޤީކުރާނީ ސަރަހައްދީ ތަރައްޤީއަށް އިސްކަން ދެއްވައިގެންކަމަށް ވިދާޅުވި

ދެކުނުގެ 4 އަތޮޅަކީ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދާނެ ސަރަހައްދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ.ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުގެ ސަރަހައްދީ ތަރައްޤީގެ ތަސައްވުރުގައި ތިނަދޫއަކީ މުހިންމު ނާރެހެއްކަމަށެވެ. އެހެންކަމުން ތިނަދޫ ސިޓީ ތަރައްޤީކުރުމުގައި ދޭންޖެހޭ އިސްކަން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށް ސޮއިކުރި އެއްބަސްވުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިނަދޫގައި މިހާރު ހިއްކާފައިވާ ބިމާ ގުޅޭގޮތަށް މަދުވެގެން 50 ހެކްޓަރުގެ ބިން އިތުރު ކޮށްދެއްވާނެކަމަށެވެ. އަދި އެ ބިމާ އެއްފަސްވެގެން 4 ކިލޯމީޓަރުގެ ކޯޑްއެފް ރަންވޭއެއް ހިމެނޭހެން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިނަދޫ އެއަރޕޯޓު ވެގެންދާނީ ދުނިޔޭގައި ފެންވަރުގައިވެސް އެތަނުގެ ރީތިކަން ފާހަގަކުރެވޭނެފަދަ ޚާއްޞަ ސިފަތަކެއް ލިބިގެންވާ އެއަރޕޯޓަކަށްކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޓަރމިނަލަކީ ފެނުގެ މަތީގައި ޤާއިމްކުރެވޭ ޓަމިނަލެއްކަމަށާއި އަދި އެއަރޕޯޓު މަޝްރޫޢޫ ވެގެންދާނީ ތިމާވެށްޓާ ރައްޓެހި ކަންކަން ހިމެނޭ މަޝްރޫޢުއަކަށްކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުއާއެކު އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަށް އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ގިނަވެގެން 2 އަހަރުތެރޭ ނިންމާލުމަށްވެސް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“އެހެންވީމާ ކާޑެއްދޫއާ ބުރިޖަކުން ކޮންމެހެން ނުގުޅުނަސް އެއްފަސްވެގެން މި ރަށަށް އިތުރު ބިން ރެސިޑެންސް ބޭނުމަށް އިތުކުރެވިގެން ދިއުން އެއީ ރައްޔިތުންނަށް އެންމެ ބުންވާ ގޮތް ފުރިހަމަ ކުރެވުން.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިނަދޫ ސިޓީއަށް ބޭނުންވާ ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. ތަރައްްޤީގައި އެމަނިކުފާނު އެންމެ އިސްކަންދެއްވާ ސިޔާސަތަކީ ގެދޮރުވެރިކަންކަމަށާއި، އެގޮތުން ސަރަހައްދީ ތަރައްޤީގެ ދަށުން އެންމެ ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގޭނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގދ.އާއި ގއ އަތޮޅުގައިކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމުގެ ގިނަ އެއްބަސްވުންތަކެއްގައި ކުރިއަށް އޮތްތަނުގައި ސޮއިކުރެވިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ދެކުނުގަ އެންމެ ގިނަ ފްލެޓުތަކާ ހައުސިން ޔުނިޓުތައް ތަރައްޤީވެގެންދާނީ އަޅުގަނޑުމެންގެ މި ޕްލޭންގެ ދަށުން. ހަމައެއާއެކު އުތުރުގަ އަދި މެދުރާއްޖެތެރޭގެ ކަނޑައެޅޭ ސަރަހައްދުތައް. މިޕްލޭންގެ ދަށުން ގެދޮރުވެރިކަން އެއީ އަޅުގަނޑުމެން ޚާއްޞަ އިސްކަމެއްދީގެން ކުރިއަށްގެންދާނެކަމެއް.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތިނަދޫގެ ތަރައްޤީއަށް އިތުރު ކަންކަންވެސް ކުރިއަށްދާނެކަމަށާއި އެގޮތުން ތިނަދޫގައި ހުއްޓިފައިވާ ގޭސް ޑިސްޓްރިބިއުޝަން މަޝްރޫޢުވެސް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ތިނަދޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމަކަށް ސަމާލުކަން ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.