ޚަބަރު

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


  • އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މެންދުރު 3:00އާ ހަމައަށް ފޯމު ހުށަހެޅޭނެ

  • ރައީސްގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރުގެ މަގާމަށް ވެސް ކުރިމަތިލެވޭނެ

ހުސްވެފައިވާ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ މަހުގެ 31 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ރައީސްގެ އިތުރުން ބާ ކައުންސިލްގެ އެގްޒެކެޓެވް ކޮމިޓީގެ މެންބަރުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ވެސް އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރު 3:00އާ ހަމައަށް ފޯމު ބަލައިގަންނާނެ ކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކަކީ ޤާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް ބާ ކައުންސިލުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތްތަކަށާއި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ ނުވަތަ ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ ފަރާތްތަކަށް އެ މަޤާމުތަކަށް ކުރިމަތިނުލެވޭނެ ކަމަށް ވެސް ބާ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ބާ ކައުންސިލުގެ ހުސްވެފައިވާ މަޤާމުތަކުގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 17ގައެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އެ ދުވަހުން ދުވަހަށް އިއުލާން ކުރައްވާނެ ކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ.