ޚަބަރު

އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު 64 އިމާމުން ފުރިހަމަކޮށްފި


  • ފުރަތަމަ ބުރު ހިންގާފައިވަނީ ގއ އާއި ގދ އަތޮޅުގައި

  • ސަރުކާރުގެ އަމާޒަކީ މިއަހަރު ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުން

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމުގެ ފުރުތަމަ ބުރު 64 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓު ޙާސިލްކޮށްފިއެވެ.

މި ތަމްރީނު ޕްރޮގުރާމުގެ ފުރަތަމަ ބުރު ފަށާފައިވަނީ ގއ އާއި ގދ އަތޮޅުގައެވެ. މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މުޅި ޕްރޮގުރާމު ނިންމާ ސެޓްފިކެޓު ޙާސިލްކޮށްފައިވަނީ 64 އިމާމުން ކަމަށެވެ.

އިމާމުން ތަމްރީންކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވަނީ 4 ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން، ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.