ޚަބަރު

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ: އެޗްޑީސީ


  • ޖުމުލަ 32 ލިފްޓް ހަރުކުރާނެ

  • ކޮންމެ ޓަވަރެއްގައި އަލަށް 2 ލިފްޓް ހަރުކުރާނެ

  • އެ މަސައްކަތް ކުރަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕްން

ހިޔާ ޓަވަރުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައިކަމަށް ނިންމާލެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓުގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ޤާއިމްކުރުމަށްޓަކައި އެޗް.ޑީ.ސީއިން ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މުޅި ޖުމްލަ 32 އައު ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

އެޗް.ޑީ.ސީން ބުނީ ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 3 ނުވަތަ 4 ލިފްޓުހުރެއެވެ. އެހެންނަމަވެސް މި ޓަވަރުތަކުގައި ލިފްޓްތައް މަދުވުމުގެ ޝަކުވާއަކީ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންގެ ބޮޑު ޝަކުވާއެކެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ އިތުރަށް ސަރުކާރުން ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކައެއްހާ ރުފިޔާގެ ފައިސާ، 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.