ޚަބަރު

ދަނޑުވެރިންނަށް ގިނަ ފުރުޞަތުތައް ހޯދައިދީ، ދާއިރާ ހަރުދަނާކުރާނަން: ޑރ. ރަމީލާ


  • ވަޒީރު ވަނީ ހަނިމާދޫގެ ދަނޑުވެރިންނާ ބައްދަލުކުރައްވާފައި

  • ވަޒީރު ވިދާޅުވީ ގިނަ ދަނޑުވެރިންނަށް ހުރި ފުރުޞަތުކުގެ މަޢުލޫމާތު ނޭންގޭކަމަށް

  • މާލީ އެހީ ހޯދުމުގައި މަގުފަހިކޮށްދޭނެކަމަށް ވިދާޅުވި

ދަނޑުވެރިންނަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުކުގެ މަޢުލޫމާތު މިހާރަށްވުރެ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަވާދެއްވާނެކަމަށާއި، އެ ފުރުޞަތުގެ ބޭނުން ދަނޑުވެރިން ހިފުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އެދިލައްވައިފިއެވެ.

ހަނިމާދޫގައި ވަރޓިކަލް ފަރމިން ޕައިލެޓް ޕްރޮޖެކްޓް އިފްތިޙުކުރުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަޒީރު ވަނީ އެރަށުގެ ދަނޑުވެރިންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަނީ ދަނޑުވެރިންނަށް ދަތިވާކަންކަން އޮޅުއްފިލުއްވާ، ރަށްރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމާއި ދަނޑުވެރިކަމުގެ އައު ގޮތްތައް ރަށްރަށަށް ތަޢާރަފުކުރުމާއި، ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކާއި ގުޅޭތުން މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ހަނިމާދޫއަކީ އެގްރިކަލްޗަރަލް ސެންޓަރެއް ހުރި ރަށަކަށްވުމާއެކު، ދަނޑުވެރިންނަށް ބޭނުންވާ އެހީ ފޯރުކޮދިނުމަށް ފަސޭހަވާކަމަށެވެ. އެގޮތުން ހިންގާ ތަމްރީމް ޕްރޮގްރާމްތަކާއި، މަޢުލޫމާތު ދިނުމަށް ހިންގާ ސެޝަންތަކުގައި ބައިވެރިވެ މިހާރަށްވުރެ ފުޅާކޮށް މަސައްކަތުގައި ޝާމިލުވުމަށް ވަޒީރު އެދިލެއްވިއެވެ.

ވަޒީރު ވަނީ ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަލަށް ވަންނަން ބޭނުން މީހުންވެސް، ސަރުކާރުން ފަހިކޮށްދޭ ލޯނު ހޯދުމުގައިވެސް ވުޒާރާގެ އެހީ ލިބޭނެކަމަށް ވިދާޅުވެފައެވެ.

"ވަރަށް ގިނަ ކަންކަން ފާހަގަކުރި. ތަކެތި ހޯދުން، މާލީ ގޮންޖެހުން. އެކަންކަން މިހާރަށްވުރެ ލުއިކޮށްދޭނަން." ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވިއެވެ.

ދަނޑުވެރިން ފާހަގަކުރި ކަންކަމުގައި އެންމެ ދަތިވާ ކަމެއްގެ ގޮތުގައި ފާހަަގަކުރީ، ގަސް ކާނާއި، ބޭސް ފަދަ ތަކެތި ރަށްރަށުން ހޯދުމުގެ ދަތިކަމާއި ތަކެތި އަގުބޮޑުވުމެވެ. އަދި މުޑުވައް ހޯދުމުގައި ދިމާވާ ދަތިތަކާއި ހައްދާ ތަކެތި ވިއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިދާން ބޭނުންވާކަން ދަނޑުވެރިން ފާހަގަކުރިއެވެ.

ދަނޑުވެރިކަމަށް ވަންނަން ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް އިތުކޮށްދެއްވުމާއި ދަނޑުވެރިކަމުގައި ޒަމާނީ ގޮތްތައް ތަޢާރަފުކޮށްދިނުމަށްވެސް ދަނޑުވެރިން ވަނީ އެދިފައެވެ. އަދި ދަނޑުވެރިން އުފައްދާ ތަކެތި ރަނގަޅު މަންފާއެއް ލިބޭނެ ގޮތަށް ވިއްކޭނެ ގޮތެއް ފަހިކޮށްދިނުމަށް ވަނީ އެދިފައެވެ.

"ގަސްކާނާ، ބޭސް ގެންނަނީ އަމިއްލަ ވިޔަފާރިތަކުން. ގެންނަ އިރަށް ހުސްވެފައި އޮންނަނީ. އެހެންވީމަ ބޭހާއި ގަސްކާނާ އަދި މުޑުވަށް ހޯދުމަށް ލުއިފަސޭހަވާން ބޭނުންވޭ." ހަނިމާދޫގެ ދަނޑުވެރިން ފާހަގަކުރިއެވެ.

ހަނިމާދޫގައި ދަނޑު ނަގައިގެން ދަނޑުވެރިކަން ކުރާ މީހުންނާއި ގޭދޮށުގައި ހުސްޖާގައިގައި ގަސް ހައްދައިގެން ދަނޑުވެރިކަން ކުރާ މީހުން އުޅެއެވެ. އަދި ދަނޑުވެރިކަމަށް 30 ބިން ވަނީ ދޫކޮށްފައެވެ.

ވަޒީރު ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވާ، ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގެ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުންވެސް ވަނީ ރަށުގައި ދަނޑުވެރިކަން ފުޅާކުރަން ބޭނުންވާކަން އަދި ރަށް ފެހިކުރުމުގެ ޕްރޮޖެކްޓް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.