ޚަބަރު

ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަނީ


  • ކެންސަރު ހޮސްޕިޓަލް އަޅަން ބިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

  • ކެންސަރ ހޮސްޕިޓަލް ތަރައްޤީ ކުރަނީ އެކަމަޑޭޝަން ބްލޮކަކާއެކު

  • މިވަގުތު ކެންސަރަށް ފަރުވާދޭ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލް

މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔާ ގުޅޭ ޚިދުމަތް ދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެހެންކަމުން ފުރިހަމަ ވަޞީލަތްތަކާއެކު އިތުރު ހޮސްޕިޓަލެއް އެޅުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ މަސައްކަތެކެވެ.

ސިއްޙީ ވުޒާރާއިން ވަނީ މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. މިކަމަށް ޝައުގުވެރިވާ މީހުންނަށް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކެންސަރު ބަލީގެ މީހުންނަށް ބޮޑެތި ހުރިހާ ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ. އެކަމަށް ރައްޔިތުންނާއި ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު، މިއީ ބަލިމީހާއަށް ބޮޑު ތަކުލީފެއްވެސް ލިބޭ ކަމެކެވެ.

ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ މި ތަކުލީފުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމެވެ. އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރ ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އަދި އެކަމަށް ބޭނުންވާ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލްގައި ބަލިމީހާއާ ގުޅުންހުރި ހުރިހާ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކުރައްވާނެކަމަށެވެ. އެގޮތުން ޑޮކްޓަރުންގެ ޚިދުމަތާއި، ކީމޯއާއި އެމީހުން ހަދަންޖެހޭ އެކި ކަހަލަ ޓެސްޓުހެދުމާއި ތެރަޕީތައް ނެގުމުގެ ޚިދުމަތް ޤާއިމުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އެހީތެރިންނަށް ޚާއްސަ އެކޮމަޑޭޝަނަކާއެކުގައެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުގައި ކެންސަރ ހޮސްޕިޓަލް އަޅާނެ ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ. އަދި ހޮސްޕިޓަލުގެ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މި ޚިދުމަތް ދިނުމަށް ބޭނުންވާ އިކުއިޕްމަންޓްތަކުގެ ދިރާސާތައް ކޮށްފައިވާކަމަށްވެސް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއްކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. މި ހޮސްޕިޓަލް ނިމިގެންދާއިރު ރާއްޖޭގައި ކެންސަރު ބަލީގެ ވަށާ ޖެހޭ ޚިދުމަތެއް ޤާއިމުކުރެވޭނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.