ޚަބަރު

ނޭޝަނަލް ތެލެސީމިއާ ކޮންފަރެންސް ފަށައިފި


  • ކޮންފަރެންސް ބާއްވަނީ ކޮންމެ 2 އަހަރަކުން 1 އަހަރު

  • މިފަހަރުގެ ކޮންފަރެންސް ބާއްވަނީ ދެ ބަޔަކަށް

  • ކޮންފަރެންސްގެ ފުރަތަމަ ބައި ޚާއްސަކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް

  • ދެވަނަ ބައި ޚާއްސަކޮށްފައިވަނީ ތެލެސީމިއާ ކުދިންގެ ބެލެނިވެރިންނަށް

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން އިންތިޒާމްކޮށްގެން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ "ނެޝަނަލް ތެލެސީމިއާ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

ނެޝަނަލް ތެލެސީމިއާ ކޮންފަރެންސަކީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާތަކާއި، އެ ކުދިންނަށް ދެވޭ ފަރުވާތަކަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތެލެސީމިއާ ހުންނަ ކުދިންގެ ބެލެނިވެރިންނަށް، މި ބައްޔާ ގުޅޭގޮތުން އަހުލުވެރިކުރުވުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މިއަހަރުގެ ކޮންފަރެންސާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޕްރޮގްރާމް ޑައިރެކްޓަރ އީމާން މުޙައްމަދު ވިދާޅުވީ ކޮންފަރެންސް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ބައި ކުރިއަށް ދާނީ 2 ދުވަހުގެ މުއްދަތަކަށް ކަމަށާއި، ކޮންފަރެންސްގެ މި ބައިގައި ބައިވެރިވާނީ ޑޮކްޓަރުންނާއި، ކްލިނިކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ކަމަށެވެ. އަދި މި ބައިގައި ތެލެސީމިއާގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއި، ފަރުވާ ދިނުމަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކޮންފަރެންސްގެ ފުރަތަމަ ބައިގައި ތެލެސީމިއަށް ދެވޭ ފަރުވާގެ އެންމެ ފަހުގެ ކުރިއެރުންތަކާއި، އެ ކުދިންނަށް ފަރުވާ ދެވޭނެ ޒަމާނީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭނެ." އީމާން ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ދެވަނަ ބައި ކުރިއަށްދާނީ މިމަހުގެ 15އިން 17އަށެވެ. މިބައިގައި ބައިވެރިވާނީ ތެލެސީމިއާ ކުދިންގެ ބެލެނިވެރިންނެވެ. އެގޮތުން ތެލެސީމިއާ ހުންނަ ކުދިންނަށް އަމިއްލައަށް ދެވިދާނެ ފަރުވާތަކާ ގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ދެވޭނެ ކަމަށް އީމާން ވިދާޅުވިއެވެ. އަދި މިބައިގައި 100އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކޮންފަރެންސްގައި މަޢުލޫމާތު ދެއްވާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި މާހިރުންނެވެ.

މިފަހަރުގެ ކޮންފަރެންސްގައި، މޯލްޑިވިއަން ބްލަޑް ސަރވިސް އާއި އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީ ޓޮޕާއި ވިލިމާލެ ހޮސްޕިޓަލުން ބައިވެރިވާނެ ކަމަށް އީމާން ވިދާޅުވިއެވެ. އަދި އޮންލައިންކޮށް އަތޮޅުތެރޭން 60 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. މިއަހަރުގެ ކޮންފަރެންސަކީ ކޮވިޑުގެ ފަހުން ބާއްވާ ފުރަތަމަ ކޮންފަރެންސެވެ.

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސްއިން ޢާންމުކުރި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން، ރިޕޯޓު އެކުލަވާލުމާއި ހަމައަށް 941 ފަރާތެއްވަނީ ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ބީޓާ ތެލެސީމިއާ މޭޖަރ ބާވަތުގެ ކުދިންނެވެ. އެގޮތުން، 762 ކުދިން މި ބާވަތުގެ ތެލެސީމިއާ ހުންނަ ކަމަށް ރަޖިސްޓްރީކޮށްފައިވެއެވެ.