ޚަބަރު

މިމަސް ނިމުމުގެ ކުރިން 56 ރެސްކިއު ޑައިވަރުން ތަމްރީން ކުރެވޭނެ


  • މިހާތަނަށް 27 މީހުން ވަނީ މިތަމްރީން ފުރިހަމަކޮށްފައި

  • މިހާރުވެސް 11 މީހުން ދަނީ ތަމްރީން ފުރިހަމަކުރަމުން

  • މިމަސްތެރޭގައި އިތުރު ދެ ރަށެއްގެ 18 މީހުން ތަމްރީން ކުރަން ފެށޭނެ

މި މަސް ނިމުމުގެ ކުރިން ރެސްކިއު ޑައިވަރުންގެ ގޮތުގައި 56 މީހުން ތަމްރީން ކުރެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދޮށީގެ މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ތަމްރީން ފުރިހަމަކޮށްފައިހުރި ރެސްކިއު ޑައިވަރަކު ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ދޮށީގެ މަސްވެރިކަން ކުރާ ކޮންމެ މަސްދޯންޏެއްގައި ތަމްރީން ލިބިފައި ހުރި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ސަރުކާރުން ނިންމި މައިގަނޑު އެއްސަބަކީ މަސްވެރިން އެންހިފުމަށް ވައި ފުޅިއަޅައިގެން ފީނާއިރު ދިމާވާ އެކިކަހަލަ ކަންކަމާހުރެ އިންސާނާގެ ފުރާނައަށް ނުރައްކާވާ ހާލަތެއް އަތުވައްޖެނަމަ އެޙާލަތުގައި އަމަލު ކުރާނެ ގޮތް ނުވަތަ ކުއްލި ފަރުވާ ދެވޭނެ ގޮތް އެނގޭނެ މީހަކު ދޯނިގައި ބެހެއްޓުމުގެ ބޭނުމުގައެވެ.

މިތަމްރީން ޕްރޮގްރާމްތައް ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ގދ. މަޑަވެލީގައެވެ. އެރަށުން 8 މީހަކު ވަނީ މިތަމްރީންތައް ފުރިހަމަކޮށްފައެވެ. އަދި ގއ. ކޮލަމާފުށިން 5 މީހަކާއި، އެއަތޮޅު ދާންދޫއިން 14 މީހަކު ވަނީ މި ތަމްރީންތައް ފުރިހަމަކޮށްފައެވެ.

މިހާރު ތަމްރީންތައް ކުރިއަށްގެންދަނީ ގއ. ނިލަންދޫ އާއި ދާންދޫގައެވެ. މި ދެރަށުން 11 މީހުން ދަނީ މިތަމްރީންތައް ހަދަމުންނެވެ.

ސަރުކާރުގެ ހަފްތާ-14 ގައި މަސްވެރިކަމުގެ ދާއިރާއިން ހިމަނާފައިވާ ކަންކަމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ބަޖެޓް ތަންދޭނަމަ އަންނަ އަހަރު މުޅި ރާއްޖޭގައި މި ޕްރޮގްރާމް ހިންގާ ނިންމާލެވޭނެކަމަށެވެ. އަދި ފުރަތަމަ ބުރުގައި އަމާޒު ހިފާފައިވާ އަދަދަށް މީހުން ތަމްރީން ކުރެވިގެން ދާނެކަމަށެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި މަސައްކަތެއް. މިހާތަނަށް މިކަމަށް މަސްވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރު އަދާކުރަން. މިއީ ކިހާ މުހިންމު ކަމެއްކަން މަސްވެރިންނަށްވެސް އެނގޭ. އަދި އަޅުގަނޑުމެން މަސައްކަތް ކުރަނީވެސް ވީ އެންމެ އަވަހަކަށް މިކަން ނިންމާލުމަށް. ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހިންގާކަމެއްމީ. އެހެންކަމުން މިއަހަރުގެ ބަޖެޓްގެ ތާށިކަން އެބަހުރި އެހެންނަމަވެސް އަމާޒަކީ އަންނަ އަހަރު މުޅި ރާއްޖޭގައި މި ޕްރޮގްރާމް ހިންގާ ނިންމާލުން" ވަޒީރު ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްތައް ހިންގަނީ ޑައިވް ކުރުމުގެ ދާއިރާއިން ތަމްރީން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ރާއްޖޭގެ ދެކުނުގެ މަސްވެރިންނަށް ޚާއްސަކޮށް ކުރިއަށްގެންދާއިރު، މި ހަތްފާތެރޭގައި އިތުރު ރަށެއްގައި ތަމްރީން ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އެއީ ގއ. ދެއްވަދޫއެވެ. އެރަށުން 7 މީހަކު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވިފައިވާއިރު، މިމަހުގެ ފަހު ހަފްތާގައި އައްޑޫ ސިޓީ މަރަދޫގައިވެސް މި ތަމްރީންތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާ ވުޒާރާއިން ވިދާޅުވެއެވެ. މަރަދޫއިން މި ތަމްރީން ޕްރޮގްރާމްގައި 11 މަސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީން ޕްރޮގްރާމްގެ ދަށުން ސަރުކާރުން ޚަރަދުކޮށްގެން ތަމްރީންދެނީ ކޮންމެ ދޯންޏަކުން އެކަކަށެވެ. އެގޮތުން ފުރަތަމަ ބުރުގައި 50 މީހުން ތަމްރީން ކުރުމަށް ނިންމިނަމަވެސް މިކަމަށް ލިބޭ ތަރުޙީބާއެކު މިމަސް ނިމުމުގެ ކުރިން މިހުރިހާ ރަށެއް ހިމެނޭހެން 56 މީހުން ރެސްކިއު ޑައިވަރުންގެ ގޮތުގައި ތަމްރީން ކުރެވިގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.