ޚަބަރު

ގާދިއްފުށީގައި ހުއްޓިފައިހުރި މަޝްރޫޢުތައް ވީއެންމެ އަވަހަކަށް އަލުން ފަށާނަން: ރައީސް


  • ގާދިއްފުށްޓަށް ކުރިމަތިވެފައިވާ ދަތިތައް ކައުންސިލުން ވަނީ ރައީސާއި ހިއްސާކުރައްވާފައި

  • މުހިއްމު މަޝްރޫޢުތައް ހުއްޓިފައިވާކަން ކައުންސިލުން ފާހަގަކުރައްވާ

  • މަޝްރޫޢުތައް އަވަސްކުރުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވި

ތ. ގަދިއްފުށީގައި މިހާރު ހުއްޓިފައިހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ގާދިއްފުށީ ފެނަކަ އޮފީސް ޢިމާރާތުގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ސްކޫލުގެ ޢިމާރާތާއި، ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ފާހަގަކުރައްވާ، އެކަންކަން ޙައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބިމުގެ ދަތިކަމާއި، ރަށުގެ ނެރު ފުންކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާކު، ރަށުގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެށުމަށް ބޭނުންވާކަމަށާއި، ރަށުގައި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގާދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ހުއްޓިފައިހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވި ކުރެއްވުމުގެ އިތުރަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ވަނީ ބައިވެރިވެފައެވެ.