ޚަބަރު

ފަޅު ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ހިންގުމަށް އެއްބާރުލުން ދޭނަން: ރައީސް


  • ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާފައި

  • ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް ބާރުއަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި

ފަޅު ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލު ބުރުނި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅުއްވާނެކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ހައުސިންގ ލޯނު ދެއްވުމުގައި މިސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންކަމާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ އަޕްގްރޭޑިންގ މަސައްކަތް ހުއްޓިފައި ހުރުމާއި، ފެނުގެ ނިޒާމުގެ މަސައްކަތް ހުއްޓިފައި ހުރުމުން ދިމާވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއްކަންކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުންވަނީ ހައުސިންގ ޔުނިޓް ޤާއިމުކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް ޚިދުމަތާއި، މަސްވެރިކަން ކުރުމަށް ސްޕޯޓް ފިޝިން ބޮޔެއް އަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އަންހެނުންގެ ކޮމިޓީއަށްވެސް ރޯދަމަހުގެ އިނާޔަތާއި، މެޓަރނިޓީ ލީވް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުއްޓިފައިހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.