ޚަބަރު

މަޑަވެލީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން: ނައިބު ރައީސް


  • ނައިބު ރައީސް ވަނީ މަޑަވެލީގެ ތަރައްޤީއަށް ރައީސްގެ ޚާއްސަ ޕްލޭނެއް އޮތްކަމަށް ވިދާޅުވެފައި

  • ކައުންސިލުން ވަނީ މަޑަވެއްޔަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތައް ނައިބު ރައީސާއި ހިއްސާކުރައްވާފައި

  • ކައުންސިލުން ހުށައެޅުއްވި ކަންބޮޑުވުންތައް ކަމާއި ގުޅޭ މުވައްސަސާތަކާއި ހިއްސާކުރާނެ

ގދ.މަޑަވެލީގެ ތަރައްޤީއަށް ސަރުކާރުން ރާވަފައިވާ މަޝްރޫޢުތައް ކުރިއަށްދާނީ ރައްޔިތުންގެ މަޝްވަރާގެ މަތިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ. މަޑަވެލީގެ ކައުންސިލުގެ މެމްބަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގދ. މަޑަވެލި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުރި ގޮންޖެހުންތަކާއި، ބަނދަރުގެ ޖާގަ ދަތިވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނުނިމި ހުރުމާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގައި އެކަށީގެންވާ ވަރަށް ކުލާސްރޫމްތައް ނެތުމާއި، ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭތީ ކުރިމަތިވާ ދަތިތައްވެސް ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި، ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.

ގދ. މަޑަވެލީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދަވާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.