ޚަބަރު

ރައީސް ދެއްވީ ނުހިއްކާ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައްވެސް ލިބޭނެކަމުގެ ޔަޤީންކަން!


  • ރަޖިސްޓްރީއާއި ލިޔުން ދޫކުރުމުގެ މަސައްކަތް ބާރަށް ކުރިއަސް އެބަދޭ

  • ޤަނޫނީ ގޮތުން ރަޖިސްޓްރީއެއް ހެދެނީ އެތަނެއް ހިއްކުމުން

  • 1114 މީހަކަށް ގޯތީގެ ރަޖިސްޓްރީއާއި ލިޔުން ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ހިއްކަމުންދާ ސަރަޙައްދުތަކުން ގޯތި ލިބުނު މީހުންނަށްވެސް، ގޯތި ލިބިފައިވާކަމުގެ ވަގުތީ ލިޔުން ދޫކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ހ. މެލްބާން، އިބްރާހީމް ސަމާހު، މާލޭގެ ރައްޔިތުންނަށް ގޯތި ޙަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އިބްރާހީމް ސަމާހު ވަނީ ގިނަ ބައެއްގެ މަސްލަޙަތު ހިމެނޭ ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ޤާނޫނީ ގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމަ. ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށްވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރުވެސް ގޯތީގެ ރަޖިސްޓްރީއައި ބިން ހަވާލުކޮށްފައި ނުވާ މީހުން އެބަތިއްބެވެ. އަދި މިހާރު ކުރިއަށް ދަނީ ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓްރީއާއި ލިޔުން ހަވާލުނުކޮށް ތިބި 1114 މީހަކަށް ރަޖިސްޓްރި ހަވާލުކުރުމުގެ މަސައްކަތެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ބިން ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުން ހާމަކުރައްވާފައިވަނީ ހިއްކަމުންދާ ސަރަޙައްދުތަކުގައި މީހުން އާބާދުކުރުވާނީ ރަނގަޅު ލޭންޑް ޔޫސް ޕްލޭންއަކާ އެކުގައި ކަމަށާއި، ބައެއް ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ފައިނަލް ކުރުމުގެ މަރުހަލާގައި އޮތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.