ދުނިޔެ

ކުމަމޯޓޯ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 15 އަށް !


ޖަޕާންގެ ކުމަމޯޓޯ ޕްރީފެކްޗަރ އަށް ރޭ އައި 7.3 ގެ ބާރުމިނުގެ ދެބިންހެލުމުގައި 15 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އޮފިޝަލުން ބުނީ މިބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބައެއް ތާށިވެފައިވާކަމަށެވެ. މިހާދިސާއާއި ގުޅިގެން މިސަރަހައްދުގައި ރެސްކިއު އޮޕަރޭޝަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިފާއީ ފައުޖުތަކާއީ އެހެނިހެން ސަލާމަތީ ޖަމައަތްތަކުގެ އޮފިޝަލުން ފޮނުވުމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އަންގަވާފައެވެ.

މީގެ ދެދުވަސް ކުރިންވެސް މިސަރަހައްދަށް ބާރުގަދަ ބިންހެލުންތަކެއް އައުމުގެ ސަބަބުން ވަނީ 9 މީހުން މަރުވެފައެވެ.

މިބިންހެލުމުގެ ސަބަބުން އެސަރައްދުގެ ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައިވާއިރު، ބައެއް ތަންތަނުގައި އަލިފާން ރޯވެ، ގިނަ ހިސާބުތަކުގައި ކަރަންޓުވެސް ވަނީ ކަޑައިގެން ގޮސްފައެވެ.ކަމާއި ބެހޭ ފަރާތްތަކުން ބުނީ މިބިންހެލުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރުކޮށްފައިވާކަމަށާއި، ބޮޑެތި ގެންލުންތަކެއް ވެފައިވާކަމަށެވެ.

މީގެ ދެދުވަސްކުރިން މިސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން 40 ހާހަށް ވުރެން ގިނަ ރައްޔިތުންވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލްކޮށްފައެވެ. ރޭ ކުމަމޯޓޯ ޕްރީފެކްޗަރއައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާނެކަމުގެ އިންޒާރުދީފައިވީ ނަމަވެސް ފަހުން މިއިންޒާރުވަނީ އުފުލާފައެވެ.