ޚަބަރު

އުތުރުގެ 4 ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށައިފި


  • މި ޕޯސްޓުތައް ހުޅުވާފައިވަނީ މާޅޮސް، ކިހާދޫ، ޅޮހި އަދި ހެނބަދޫގައި

  • ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަކީ އަމާޒެއް

އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ރަށްރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ ބ. މާޅޮހާއި، ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ހެނބަދޫގައެވެ.

ބ. މާޅޮހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި މާޅޮހު ކައުންސިލު ރައީސް ޢަބްދުﷲ ޝުޖާއުއެވެ.

ކިހާދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި ކިހާދޫ ކައުންސިލު ރައީސް ހުސައިން ޝާފިއުއެވެ.

ނ. ޅޮހީގައި ޚާއްސަ ރަސްމިއްޔާތުގައި، އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި ޅޮހީ ކައުންސިލު ރައީސް އިބްރާހީމް މުޙައްމަދުއެވެ.

ހެނބަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި ހެނބަދޫ ކައުންސިލު ރައީސް ހުސައިން އަބޫބަކުރުއެވެ.

މި ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ޤައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.