ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނިމާދޫއިން ދެ މީހަކު ހައްޔަރުކޮށްފި


  • ހައްޔަރު ކުރީ 38 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުން

  • އެކަކު 5 ދުވަހަށް އަދި ދެވަނަ މީހާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ. ހަނިމާދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މީހުން ހައްޔަރު ކުރީ ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހަނިމާދޫ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި، 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކެއްގެ ބަންދަށް 5 ދުވަސް ދީފައިވާއިރު އަނެކަކުގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.