ޚަބަރު

މީރާ ނައިފަރު ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ހުއްޓާލަނީ


  • ޚިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ މިމަހު 29 އިން ފެށިގެން

  • 3 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި މީރާގެ ކަލެކްޝަން ސެންޓަރު ހުރޭ

  • އޮންލައިންކޮށް ޚިދުމަތް ހޯދުމަށް މީރާ އިން އިލްތިމާސްކުރޭ

މީރާ ނައިފަރު ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ހުއްޓާލަން ނިންމައިފިއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މީރާ ނައިފަރު ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ނައިފަރު ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ހުއްޓާލުމަށް ނިންމީ، އެ ރަށު ކައުންސިލާއެކު ޤާއިމްކޮށްފައިވާ އެރޭންޖުމަންޓު ނިމުމަކަށް އައުމާއި، ކަލެކްޝަން ސެންޓަރުން ދެމުން އައި އެއް ޚިދުމަތްކަމުގައިވާ ވެހިކަލް ފީތައް ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުންކަމަށެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ 3 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި އެ އޮތޯރިޓީގެ ކަލެކްޝަން ސެންޓަރު ހުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުން ކުރުމަށް އެ އޮތޯރިޓީއިން އިލްތިމާސްކުރެއެވެ.

އެގޮތުން ޓެކްސް ބަޔާން ހުށަހެޅުމާއި މީރާއަށް ބަލައިގަންނަ އެންމެހައި ފައިސާ އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އަދި މީރާއަށް އެކިއެކި ޚިދުމަތްތައް ހޯދުމަށް ހުށަހަޅަންޖެހޭ ފޯމުތައް ވެސް، މީރާގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އެއްވެސް މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންފުޅުވާނަމަ މީރާ "ލައިވް ޗެޓް" ނުވަތަ މީރާގެ ވައިބަރ ނަންބަރު 9821415 އަށް މެސެޖުކުރެއްވުމުން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމުންވެސް މައުލޫމާތާއި އެހީތެރިކަން ލިބޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.