ޚަބަރު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އިތުރުވެފައިވޭ: އެމްއެމްއޭ


  • މިކަން ހާމަކޮށްފައިވަނީ އެމްއެމްއޭއިން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައި

  • ފަތުރުވެރިކަމުގެ ޕީކް ސީޒަނާއެކު، ވަޒީފާތައް ވަނީ އިތުރުވެފައި

  • އެމްޕްލޯއިމެންޓް އިންޑެކްސްވަނީ 13 ޕޮއިންޓުން 60 ޕޮއިންޓަށް އިތުރުވެފައި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކުރައްވައިފިއެވެ.

އެމް.އެމް.އޭއިން މިކަން ހާމަކުރައްވާފައިވަނީ، ކޮންމެ 3 މަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައެވެ.

އެމް.އެމް.އޭގެ ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިޤްތިޞާދުގައި ހިމެނޭ މުހިންމު 4 ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސަރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބިފައެވެ. މިއީ މައިގަނޑުގޮތެއްގައި ފަތުރުވެރިކަމުގެ ޕީކް ސީޒަން އައުމާއި އެކުއެވެ. މިއާއެކު ރިސޯޓު ބުކިންތަކުންތައް އިތުރުވެ، އާމްދަނީ ވަނީ އިތުރުވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީރާގެ ގިނަ ފުރުޞަތުތަކެއް ވަނީ 4 ވަނަ ކުއާޓަރުގެ ތެރޭގައި އުފެދިފައެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، އެމްޕްލޯއިމެންޓް އިންޑެކްސްވަނީ 13 ޕޮއިންޓުން 60 ޕޮއިންޓަށް އިތުރުވެފައެވެ. މީގެއިތުުރުން ފަތުރުވެރިކަމުގެ ދާއިރާގެ މުސާރަތަކަށްވެސް 4 ވަނަ ކުއާޓަރުގައި ކުރިއެރުން ލިބިފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައިވާގޮތުން ޢިމާރަތްކުރުމުގެ ދާއިރާ، ދަތުރުފަތުރު އަދި މުވާސަލާތީ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިތުރުވެފައެއްނުވެއެވެ. އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ވަޒީފާތައް ހުރި މިންވަރު 4 ވަނަ ކުއާޓަރުގައި ދަށަށް ގޮސްފައިވާކަމަށްވެސް އެމްއެމްއޭއިން ހާމަކުރައްވައެވެ.

ކުއާޓަލީ ބިޒްނަސް ސާރވޭ ރިޕޯޓުގައިވާގޮތުން 4 ވަނަ ކުއާޓަރުގައި ޢިމާރަތްކުރުމުގެ ސިނާއަތާއި ހޯލްސޭލް ވިޔަފާރީގެ ސިނާއަތް ފިޔަވައި، ރާއްޖޭގެ މައިގަނޑު ސިނާއަތްތަކަށްވަނީ ކުރިއެރުން ލިބިފައެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އެމް.އެމް.އޭއިން އާއްމުކުރާ ބިޒްނަސް ސާރވޭގެ މަޤްޞަދަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުން ކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.