ޚަބަރު

އުޞޫލު އިސްލާޙުކޮށް، އޭދަފުށިން ގޯތިދޫކުރަން އޭޕްރީލްމަހު ހުޅުވާލަނީ


  • ކުރިން ދޫކުރުމަށް ނިންމީ 1400 އަކަފޫޓްގެ 158 ގޯތި

  • މިހާރު ދޫކުރުމަށް ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯތި

  • ގޯޗަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު ރޯދައިގެ ކުރިން ހުޅުވާލެވޭނެ

އޭދަފުށީ ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 183 ގޯޗަށް އެދި މިއަހަރުގެ އޭޕްރީލްމަހު ފޯމު ހުށައެޅުމަށް ހުޅުވާލެވޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެރަށު ކައުންސިލުން މިކަން ހާމަކުރީ ގޯތި ދިނުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއެއްގައެވެ.

އޭދަފުށިން ގޯތި ދޫކުރުމަށް ކައުންސިލުން އެންމެ ފުރަތަމަ ހުޅުވާލީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެބުރުގައި 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ކައުންސިލުން ނިންމިއެވެ. އެއަހަރު އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމަށްފަހު ކައުންސިލުން ގޯއްޗަށްއެދި ފޯމު ހުށައެޅުމަށް ހުޅުވާލީ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ގޯތި ދޫކުރުމުގެ އުޞޫލުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެކަން ހުއްޓާލުމަށް ޕްލޭނިންގ މިނިސްޓްރީއިން ކައުންސިލަށް އެންގެވިއެވެ.

އެއަށްފަހު 2020 ވަނަ އަހަރު އައު އުޞޫލުހަދާ ގޯތި ދޫކުރުމަށް ނިންމިއެވެ. މިބުރުގައި 158 ގޯއްޗަށް އެދި 662 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ. ފޯމުތައް ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ގިނަ ޝަކުވާތަކެއް ކައުންސިލަށް ހުށައެޅިއެވެ. މި މަސައްކަތް ހުއްޓުނީ އާންމު ފަރާތަކުން އުޞޫލާ ޚިލާފަށް ގޯތި ދޫކުރިކަމަށްބުނެ އޭދަފުށީ ކޯޓަށް މައްސަލަ ހުށައެޅުމުން އެކަން މަޑު ޖައްސާލުމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ.

ކޯޓުން މި މައްސަލަ ނިންމުމަށް އެއްއަހަރާ ހަމަހެއްހާ ދުވަސް ނެގިއެވެ. މި މައްސަލަ ނިމުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކޯޓުން ނިންމެވީ ކައުންސިލުން ގޯތި ދޫކުރުމުގެ ކަންކަން ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށެވެ. އެހެންކަމުން އަލުން މި މަސައްކަތް ކައުންސިލުން ފެށީ 2023 އަހަރުގެ މޭމަހުގެ ތެރޭގައެވެ.

އޭގެފަހުން ގޯތި ދޫކުރުމަށް އައު އުޞޫލު ހަދާ ކުރިން ދޫކުރުމަށް ނިންމާފައިވާ 158 ގޯތީގެ ބަދަލުގައި 183 ގޯތިދިނުމަށް ކައުންސިލުން ނިންމިއެވެ. ކުރިން ދޫކުރުމަށް ނިންމާފައި އޮތީ 1400 އަކަފޫޓްގެ ގޯތި ދޫކުރުމަށެވެ. އެހެންނަމަވެސް ވީހާވެސް ގިނަ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން 1200 އަކަފޫޓަށް ކުޑަކުރިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވީ 183 ގޯތި ދޫކުރުމަށް ހަދާ އުޞޫލު ކައުންސިލުން ފައިނަލް ކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް މިހާރު ހުށައަޅާފައިވާކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ އޭޕްރީލް މަހު ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށެވެ.

މިފަހަރު އުޞޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް އުޞޫލެއް އޮތުންކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

"މިފަހަރު އުޞޫލު އެކުލަވާލިއިރު ހުރިހާ އެންމެންގެ ޙައްޤުތައް ކަށަވަރު ވާނެހެން އެކުލަވާލީ. މައްސަލައެއް އުޅޭނެކަމަށް ޤަބޫލެއް ނުކުރަން. އެއްވެސް މައްސަލައެއް ނެތްނަމަ ރޯދައިގެ ކުރިން ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ." އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވިއެވެ.

ކޯޓަށް ހުށައެޅި މައްސަލައިގައި އިސްތިއުނާފަށް ކައުންސިލުން ލާފައި ނުވުމަކީ މިކަން ލަސްވާން ދިމާވި މައިގަނޑު އެއް ސަބަބުކަމަށާ، މިފަހަރު މައްސަލައެއް ކޯޓަށް ހުށައަޅައިފިނަމަ އިސްތިއުނާފީ މަރުހަލާއަށްގޮސްގެންވެސް މިކަން އަވަސްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ފާތިޙް ވިދާޅުވިއެވެ.

އޭދަފުށީގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެރަށުގެ ބިންފުރިފައި އޮތުމުން 2014 ވަނަ އަހަރު ސަރުކާރުންވަނީ އެރަށު ބިމަށް 26 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރުކޮށްދީފައެވެ. ބޯހިޔާވަހިކަމުގެ އެއްވެސް ކަމެއް އެބިމުގައި ނުފެށި އޮތުމަކީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވާއެއްކަމެވެ.

ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ބަޔަކު އެރަށުގައި ތިބި އިރު، މިކަމަށް ދާއިމީ ހައްލެއް ހޯދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވެސް ވަނީ ވައުދު ވެޑައިގެންފައެވެ.

އޭދަފުށިން އެންމެ ފަހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުގައެވެ. މިހާރު އެރަށުން ގޯތި ދޫނުކުރާތާ 34 އަހަރު ވަނީ ވެފައެވެ.