ޚަބަރު

5 އަހަރުގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ


  • މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި

  • ސަރުކާރު އޮފީސްތަކާއި، ސަރުކާރު ކުންފުނިތަކުގެ އިތުރުން އަމިއްލަ މުއައްސަސާތަކަށް ބައިވެރިވެވޭނެ

  • މުބާރާތް ބާއްވާނީ މަދުވެގެން 5 އޮފީހެއް ބައިވެރިވާނަމަ

  • އެންމެ މޮޅު ޑްރާމާއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް

"އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" ބޭއްވުމަށް އުޞޫލު އާއްމުކޮށް، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ހުޅުވާލައިފިއެވެ.

މި މުބާރާތް އަލުން ބޭއްވުމަށް މި ނިންމީ 5 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

އޮފީސްތަކުގެ ޓެލެޑްރާމާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް. ފަންނުވެރީންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކުރުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ އަދި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މުބާރާތެކެވެ. 5 އަހަރުގެ މެދުކެނޑުމަކަށްފަހު، މި މުބާރާތް އަލުން ބާއްވަން އެން.ސީ.އޭއިން ނިންމާފައިވާއިރު، މުބާރާތުގައި ބައިވެރިވިމުގެ ފުރުޞަތު މިފެށޭ ފެބްރުއަރީމަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ 13:30 އަކާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ މުއްސަސާތަކަށެވެ. ކޮންމެ އޮފީހަކުން މުބާރާތައް ހުށަހެޅޭނީ އެންމެ ޓެލެޑްރާމާއެކެވެ. އަދި މުބާރާތް ބާއްވާނީ މަދުވެގެން 5 އޮފީހެއް ބައިވެރިވާނަމަކަމަށްވެސް އެން.ސީ.އޭއިން ވިދާޅުވިއެވެ.

އެން.ސީ.އޭއިން އާއްމުކޮށްފައިވާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުޞޫލުގައިވާގޮތުން މުބާރާތުގައި ބައިވެރިކުރާ ޓެލެޑްރާމާގެ ދިގުމިނަކަށްވާންވާނީ މަދުވެގެން 45 މިނެޓެވެ. އަދި ދިގުވެގެން 50 މިނެޓެވެ. އަދި ޑްރާމާ ހުށަހަޅައިދޭންވާނީ ދިވެހި ބަހުންނެވެ. މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ދައްކަން ފަށާނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައެވެ.

ޓެލެޑްރާމާގެ ތީމް ބިނާކުރަންވާނީ އެ އޮފީހެއް، މުއައްސަސާއެއް، ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ޙައްލެއް ހޯދޭނެ ތީމެއްގެ މައްޗަށްކަމަށް އުޞޫލުގައިވެއެވެ.

މުބާރާތުގައި ބައިވެރިވާ އޮފީސްތަކުން 01 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 06 މާރިޗު 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން 60 ސިކުންތައްވުރެ ދިގު ނޫން ޓްރެއިލަރއާއި، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންއިން ކްލެސިފައިކުރުމަށްފަހު، ކްލެސިފިކޭޝަން ސެޓްފިކެޓް އަދި ބައިވެރިންގެ މަޢުލޫމާތު ފޯމާއެކު ބައިވެރިކުރާ ޑްރާމާ އެން.ސ.ީއޭއަށް ހުށަހަޅަންވާނެކަމަށް އެން.ސީ.އޭއިން ވިދާޅުވެއެވެ.

އެން.ސީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި މި މުބާރާތުގައި ހޮވާނެ ވަނަތަކާއި އިނާމްތަކުގެ ތަފްޞީލުވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޖުމްލަ 14 ވަނައެއް ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓަރ އަންހެން / ފިރިހެން، އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ އަންހެން / ފިރިހެން، އަދި އެންމެ މޮޅު ނިއު ކަމަރ އަންހެން / ފިރިހެން މި ވަނަތަކަށް ޓްރޮފީގެ އިތުރުން ބޮޑެތި ފައިސާގެ އިނާމްތަކެއްވެސް ވަނީ ހުށަހަޅާފައެވެ.

ފައިސާގެ އިނާމް ހުށަހަޅާފައިވާ އެވޯޑްތައް:

• އެންމެ މޮޅު ޑްރާމާ - 50،000 ރުފިޔާ
• އެންމެ މޮޅު އެކްޓަރ (އަންހެން) - 15،000 ރުފިޔާ
• އެންމެ މޮޅު އެކްޓަރ (ފިރިހެން) - 15،000 ރުފިޔާ
• އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން) - 10،000 ރުފިޔާ
• އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން) - 10،000 ރުފިޔާ
• އެންމެ މޮޅު ނިއު ކަމަރ (އަންހެން) - 5000 ރުފިޔާ
• އެންމެ މޮޅު ނިއު ކަމަރ (ފިރިހެން) - 5000 ރުފިޔާ


އެން.ސީ.އޭއިން ވިދާޅުވީ، މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށްކަމަށެވެ. މީގެ އިތުރުން "ވިއުވަރސް ޗޮއިސް" މިއެވޯޑް ލިބޭނީ އެސް.އެމް.އެސްއަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމް.އެސް ލިބޭ ފަރާތަކަށްކަމަށެވެ.