ޚަބަރު

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އުފައްދަވައިފި


  • މިއީ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެއް

  • މި އިދާރާ ހިންގާނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" މިއަދު އުފައްދަވައިފިއެވެ.

މި އިދާރާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 498 ކަމުގައިވެސް ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.

ދިވެހިރާއްޖޭގައި އޯފް-ޝޯ / އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައްކުރުމަކީވެސް މި އިދާރާ އުފެއްދެވުމުގެ މަޤްޞަދެކެވެ.