ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖަކު މާލެ ނުގެނެވި ލަސްވި މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެގޮތުން ކުޑަކުއްޖަކު ފަރުވާއަށް މާލެއަށް ގެނައުމުގައި ލަސްވެ އެ ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ކަން ހިނގީ ކިހިނެތްތޯ ދެނެގަތުމަކީ މަޖިލީހުގެ ވާޖިބެއް ކަމަށެވެ. އެގޮތުން، ފުރާނައަށް ގެއްލުންވާ ޒާތުގެ އެއްވެސް ކަމެއް ވަކި ސިޔާސަތަކާހެދި ތަންފީޒު ނުކުރެވޭނަމަ މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް މައްސަލަ ބަލަން ޖެހޭކަމުގައި ޖީހާން ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީން ނިންމީ އެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.
ސުވާލުކުރުމުގައި މެޑިކަލް އިމަޖެންސީ އިވެކުއޭޝަންތަކުގައި އަމަލު ކުރާނެ ނިޒާމެއް ކަނޑައެޅިފައިވޭތޯ ދެނެގަންނާނެ ކަމަށާއި، ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުމަކީ މި ސަރުކާރުގެ އުޞޫލުތަކުގެ ތެރޭގައި އޮތްކަމެއްތޯ ބަލާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި ޑޯނިއާ ބޭނުން ނުކުރާނަމަ އޭގެ ބަދަލުގައި ދޭ ޚިދުމަތަކީ ކޮބައިތޯ ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މެޑިކަލް އިމަޖެންސީ އިވެކުއޭޝަންތަކާ ގުޅިގެން އެސްއޯޕީތަކެއް ހެދިފައިވޭތޯއާއި ކުއްޖާ މާލެ ގެނައުމުގައި އެ އެސްއޯޕީތަކަށް އަމަލު ކުރެވިފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
މި މައްސަލައިގައި ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރު ކުރަން ކޮމިޓީން ނިންމަވާފައިވާއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.
ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވާން މެދުވެރިވީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓް ނުކުރެވުމުގެ ސަބަބުން ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.