ޚަބަރު

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ރޯދައަށް ހުޅުވާލަނީ


  • ފެންއަރުވާ ވަޑާމުގެ މަސައްކަތް ކުރާނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން

  • ކުރިއަށްވުރެ ފުރިހަމަކޮށް އެތަން ތަރައްޤީކުރާނެ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށްވުރެ ފުރިހަމަކޮށް، ރޯދައަށް އާންމުކޮށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ކަމާއެކު ދިރިއުޅެވޭ ތަނަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ގިނަ ވިސްނުންފުޅުތައް ގެންގުޅުއްވާކަމަށެވެ.

ޚާއްސަގޮތެއްގައި މާލޭގައި ބޭނުން ނުކުރެވި ހުރި ތަންތަން ރަނގަޅުކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ރައީސްގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުރި ސަރަޙައްދު ކުރިން ހުރިވަރަށްވުރެ ރަނގަޅަށް ހެދުމަށްފަހު ރައްޔިތުންނަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކަމަށާއި އެކަން ކުރުމަށް އެ ކުންފުނިން އެއްބަސްވެފައިވާކަމަށެވެ. އަދި އެމަސައްކަތް ކުރާނީ ގެންނަން ޖެހޭ ބައެއް ބަދަލުތަކާއެކު މިހާރަށްވުރެ ފުރިހަމަކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދައުރަކަށް އޮންނާނީ ބައެއް ހޯދައިގެން އެކަން ކުރުމަށް މަސައްކަތް ކުރުން. ނަމަވެސް އެކަން ކުރުވާނީ ކޮންބައެއް ލައްވާކަން އެބައިތައް ކަނޑައަޅާނީ އެމްޓީސީސީން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރި ތަނެކެވެ. މިޔުޒިކާ އެއް ހަމަޔަކަށް ފެން އަރުވާ އެފެންއަރުވާ ވަޑާން ބަލާލުމަށް ކުރިން ގިނަ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭރު ކުޑަކުދިންގެ މެދުގައި ވެސް އެއީ ވަރަށް މަގުބޫލު ތަނަކަށްވިއެވެ.

ނަމަވެސް ވެރިކަން ބަދަލުވި ފަހުން، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތެއް އޮތް މާލެ ސިޓީ ކައުންސިލުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަން އެއްކޮށްހެން ވީރާނާވެ މިހާތަނަށްވެސް އެތަން އޮތީ ބޭނުން ނުކުރެވޭ ހާލަތުގައެވެ.