ޚަބަރު

ސިއްޙީ ޚިދުމަތް ދިނުމުގައި އެންމެ މުހިންމީ މުއާމަލާތުކުރުން ރަނގަޅުކުރުން: ޤާސިމް


  • ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރި

  • ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަޝްވަރާކުރި

  • ނ. އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުން ބައިވެރިވި

ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ދިނުމުގައި އެންމެ ބޮޑަށް ބަލަންވި އެއް ކަމަކީ މުއާމަލާތުކުރުން ރަނގަޅު ކުރުންކަމަށް ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޤާސިމް ވިދާޅުވެއްޖެއެވެ.

މި މަހާސިންތާއަކީ ނ. އަތޮޅުގައި ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއްގައި ޚިދުމަތް ދިނުމުގެ ފެންވަރު މަތިކޮށް އަވަސްކަމާއެކު އެ ޙިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ހިމެނޭހެން ހުރިހާ ސިއްޙީ މަރުކަޒުތަކެއްގެ މުވައްޒަފުން ބައިވެގެން ބޭއްވުނު އެއް ދުވަހުގެ މަހާސިންތާއެކެވެ.

މި މަހާސިންތާގައި ވާހަކަދައްކަވަމުން ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޤާސިމް ވަނީ ސިއްޙީ ފަރުވާ ދިނުމުގައި އެންމެ ބޮޑަށް ބަލަންވީ އެއްކަމަކީ ކޮމިއުނިކޭޝަން ނުވަތަ މުއާމަލާތުކުރުން ރަނގަޅުކުރުންކަން ފާހަގަކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު ޤާސިމް ވިދާޅުވީ، މިނިސްޓްރީ ލެވެލްގައި ޒޯން ކޯޑިނޭޓަރުން ތިބެގެން މުއާމަލާތް ކުރައްވާ އަދި މިނިސްޓްރީގެ އިސްވެރިންވެސް ސިއްޙީ ޙިދުމަތްދޭ ތަންތަނާއި ގުޅައިގެން މަޝްވަރާކޮށް ކަންކަން ނިންމެވުމަށް އިރުޝާދު ދެއްވާފައެވެ.

މި މަހާސިންތާގެ މަޤްސަދަކީ ސިއްޙީ ވުޒާރާއިން ކަނޑައަޅުއްވާފައިވާ ސިއްޙީ ޙިދުމަތްތައް ދިނުމުގެ ފެންވަރު މަތިކޮށް ޚިދުމަތް ދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަނެ އެދަތިތައް މަދުކޮށް، ނުވަތަ ނައްތާލެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަމަށް ކަނޑައެޅޭ އެއްބަސްވުންތަކެއް އެކުލަވާލުމާއި، ހުރިހާ މަރުކަޒުތަކެއްގައި ދަރަޖަކުރެވިފައިވާ ގޮތަށް އުޞޫލެއްގެ ދަށުން އެއްގޮތަކަށް ޚިދުމަތް ދިނުމަށް ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ބަލައި ދެނެގަތުންކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަހާސިންތާގައި ހުރިހާ މަރުކަޒުތަކުން ހުށައަޅާފައިވާ ކަރުދާހުގައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، މަރުކަޒުތަކުގެ މެދުގައި އިތުރު އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.