ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ އެއް މިސްކިތް ރަމަޟާންމަހަށް ނިމޭނެ: ޝަހީމް


  • ރޯދައަށް ނިންމަނީ 1500 މީހުންގެ ޖާގައިގެ މިސްކިތެއް

  • ހުރިހާ ދާއިމީ މިސްކިތްތަކެއްގެ މަސައްކަތް 2 އަހަރުތެރޭ ނިމޭނެ

  • 5 ދާއިމީ މިސްކިތެއްގެ މަސައްކަތް އަންނަނީ ކުރަމުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ދާއިމީ މިސްކިތްތަކުގެ ތެރެއިން އަންނަ ރަމަޟާންމަހަށް 1500 މީހުންގެ ޖާގައިގެ މިސްކިތެއް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ، އަންނަ ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތަކާގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަން ފަށާ، ނުނިމިހުރި ދާއިމީ މިސްކިތްތަކުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތުގެ ތެެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް އަންނަ ރަމަޟާންމަހަށް ނިމޭނެކަމަށެވެ. އަދި ބައެއް މިސްކިތްތައް ރޯދައިގެ ފަހަށްވެސް ނިމޭނެކަމަށާއި، ދާއިމީ ހުރިހާ މިސްކިތްތަކެއް ގިނަވެގެން 2 އަހަރު ތެރޭ ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަހަރުތަކެއް ވެފައިވާ ބައެއް މަޝްރޫޢުތައް އިންޝާ ﷲ ދެން ލަސްތަކެއް ނުވެ ނިމޭނެ. ފޭސް ދޭއްގެ ދާއިމީ މިސްކިތްތައް އަވަހަށް ނިންމުމަށް އެހީތެރިވުމަކީ ރައީސް ޑރ. މުޢިއްޒުގެ އަމާޒު. އިންޝާ ﷲ ފޭސް 2ގެ މިސްކިތްތައް ނިމޭއިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަށް." އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވަޒީރު ވަނީ މި މިސްކިތްތަކަކީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީގައި ބޮޑެތި ހޭދަތަކެއް ކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ފާހަގަކުރައްވާ، މިފަދަ ކަންކަމުގައި އަމިއްލަ ފަރާތްތަކުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރީތިކޮށް ކިޔަވާ ޢިލްމީ ފަރާތްތައްކަމަށާއި ޚާއްސަކޮށް ޙާފިޒުންނަށް އިސްކަންދެވޭނެކަމަށެވެ. އަދި މިއަހަރުގެ ރަމަޟާންމަހަށްފަހު ފޭސް 2 ގައި ހުޅުވާ ދާއިމީ މިސްކިތްތަކުގައި ދަމު ނަމާދުވެސް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.