ޓުއަރިޒަމް

ރިޔާދު ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ސަޢުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިޔަށްދާ 8 ވަނަ ރިޔާދު ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. 

މިފެއަރގައި ރާއްޖޭ ތަމްސީލްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިންނެވެ. އަދި މަޓާޓޯއާއިއެކު މިފެއަރގައި ރާއްޖޭގެ އިތުރު 6 ކުންފުންޏަކުން ބައިވެރިވެފައިވާކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ.  

އަރަބި ޤައުމުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ މިފެއަރ އިއްޔެއިން ފެށިގެން މިމަހުގެ ފަނަރައިގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މިފަހަރުގެ ފެއަރގައި ރިކޯޑް އަދަދަކަށް ޤައުމުތަކުން ބައިވެރިވެފައިވާއިރު، މިފެއަރއަށް ރިކޯޑް އަދަދަކަށް މީހުން ޒިޔާރާތްކުރާނެކަމަށް ލަފާކުރެވޭކަމަށް މިފެއަރ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މިދިޔަ އަހަރުގެ ފެއަރއާ އަޅާބަލާއިރު މިއަހަރުގެ ފެއަރގައި ބައިވެރިވެފައިވާ ފަރާތްތަކުގެ އަދަދުވަނީ 11 އިންސައްތައަށް އިތުރުވެފައެވެ. މިގޮތުން މިފަހަރުގެ ފެއަރގައި 55 ޤައުމަކުން 250 ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާދު ފެއަރގައި ބައިވެރިވެފައިވަނީ، 219 ފަރާތަކުންނެވެ. މިދިޔަ އަހަރުގެ ފެއަރއަށް 17 ހާހަށްވުރެ ގިނަ ޢާއްމުން ޒިޔާރާތްކޮށްފައިވާއިރު، މިފަހަރުގެ ފެއަރއަށް 20 ހާހަށްވުރެ ގިނަ ޢާއްމުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ.