ޚަބަރު

މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި


  • ކ އަތޮޅުން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފައި

  • ލިބިދާނޭ ގެއްލުމަކަށް ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި

  • ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމު

މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް ޢަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ފަށާފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ ފުށްގުދަން، އައިޖީއެމްއެޗް، ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަނަޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވުމާއި ގުޅިގެން ލިބިދާނޭ ގެއްލުމަކަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު އަދި ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު،ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށް ވިދާޅުވެފައި ވެއެވެ.