ޚަބަރު

މަޖިލިސް އިންތިޚާބު ރޯދަމަހުގެ ތެރެއަށް، މާރިޗު 17 ގައި


  • ތާރީޚު ކަނޑައެޅީ ވޯޓުލާ މީހުންގެ އަދަދު މަދުނުވާ ގޮތަށް ބަލައިގެން

  • 20 ވަނަ މަޖިލިހުގައި 93 ދާއިރާއެއް ހިމެނޭ

  • މަޖިލިސް އިންތިޚާބުގެ ޝިޢާރެއްގެގޮތުގައި "ވިހި24"

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ ރަމަޟާންމަހުގެ ތެރޭގައި ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. އިންތިޚާބު ބާއްވަން ކޮމިޝަނުން ކަނޑައަޅާފައިވަނީ މާރިޗު 17 ވާ އާދިއްތަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ތާރީޚު އިޢުލާނުކޮށް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި 17 މާރިޗު ކަނޑައެޅީ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށެވެ. އަދި ފަހުން އިސްލާހުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާގޮތުން ޢީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ ސްކޫލްތަކުގެ އިމްތިޚާން ދުވަސްތައް ކަމަށްވުމުން ސްކޫލްތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒުތައް ޤާއިމުކުރުމަށް އެކަށީގެންވާ ތަންތަން ނުލިބޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތައް ދިމާވާނެ ކަމަށް ވެސް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އީސީން މަޖިލިސް އިންތިޚާބުގެ ތާރީޚު ކަނޑައެޅުމުގައި އާއްމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް އެންމެ ފަސޭހަވާނެ ގޮތްތަކާއި އީސީއަށް އިންތިޒާމު ކުރުމަށް ހުރި ގޮންޖެހުންތަކަށް ބައްލަވާނެކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މީގެ ކުރިން ވިދާޅުވިއެވެ. އަދި އިންތިޚާބުގައި އެންމެ މުހިންމީ ވޯޓުލާ މީހުންގެ އަދަދު ގިނަ ކުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އަވަސް ކޮށްދެއްވުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހުވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ. ރަމަޟާން މަހަށްފަހު އިންތިޚާބު ބޭއްވުމަށް އެމްޑީޕީން ވެސް އީސީގައި އެދުނެވެ. އެ ޕާޓީން ފޮނުވި ސިޓީއާ ގުޅިގެން އީސީން ވަނީ އެ ޕާޓީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުވެސް މިއަދު އާއްމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވިހި24" އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު 2024ގައި ބާއްވާތީ އީސީން ކަނޑައެޅުއްވި ޝިއާރެކެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއީ މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.

އިތުރު 6 ދާއިރާ މި މަޖިލީހުގައި ހިމެނުމަށް އީސީން ނިންމެވީ އާބާދީއަށް ބެލުމަށްފަހުއެވެ. އެގޮތުން އަލަށް މާލެ ސިޓީއަށް 2 ދާއިރާ، އައްޑޫ ސިޓީއަށް ދާއިރާއެއް، ބ އަދި ލ. އަތޮޅަށް ދާއިރާއެއް އަދި ގއ. އަތޮޅަށް ދާއިރާއެއް އިތުރުވެއެވެ.