ޚަބަރު

ފަރުމަސް އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • 15 ފަރާތަކަށް ފުރުޞަތު ލިބޭނެ

  • ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖެނުއަރީ

  • ޕްރޮގްރާމް ކުރިއަށްދާނީ މަނިޔަފުށީގައި

ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ، އެ ދާއިރާއިން މީހުން ބިނާ ކުރުމަށް ކުރިއަށްގެންދާ އަސާސީ މެރިކަލްޗަރ ކޯހެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.


މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީ 2024 އިން ފެށިގެން 21 ފެބްރުއަރީ 2024ގެ ނިޔަލަށް ކ. މަނިޔަފުށީގައެވެ. ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފަރާތަކަށް ލިބިގެންދާނެއެވެ. އެއަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާނަމަ ފޯމު ހުށަހެޅި ތަރުތީބުން ފުރުޞަތު ދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.